އިންނަމާދޫ ބަނދަރު ތަރައްގީ ކުރުމަށް 67.2 މިލިއަން ރުފިޔާ އަަށް އެމްޓީސީސީއަށް

Thu, 08 Jun 2023 01:18 PM

View on this article on ThePress.mv

ރ. އިންނަމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 67.20 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމުމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:

  • 14،417 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
  • 32,310 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުން
  • 950 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
  • 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 18 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
  • ވެލިބަރުކޮށްފައިވާ ބޭރުތޮށީގައި 222 މީޓަރުގެ ބޭރު ރިވެޓްމެންޓެއް ޖެހުން
  • 472 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން
  • މޫރިން ބޯއީސް ހަރުކުރުން
  • 11 މީޓަރު ދިގު 11 މީޓރު ފުޅާ ރޭމްޕެއް ހެދުން
  • ބަނދަރު ބައްތި ހަރުކުރުން
  • 2716 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
  • 251 މީޓަރުގެ ކާބް ހަރުކުރުން

ކަނޑުގަދަ ދުވަސްވަރެއްނަމަ ބަނދަރުގައި އަޅާފައި ހުންނަ އުޅަނދުތައް ޖެޓީގައި ޖެހިގެއްލުންތައްވާއިރު މިއަދު ސޮއިކުރެވުނު މި މަޝްރޫއުގެ މަސައްކަތްނިމުމުން ބަނދަރުގައި އަޅާފައި އޮންނަ އުޅަނދުފަހަރަށް ޖާގަ ތަނަވަސްވެ ރައްޔިތުންނަށް ވަމުން އަންނަ ދަތިތަކަށް ނިމުމެއް އަންނާނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އަދި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.



More from ThePress.mv