ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ބާއްވަމުން އަންނަ ޖޮއިންޓް ކޮމިޝަންގެ ހަތަރުވަނަ ސެޝަން މާދަމާ ފަށަނީ

Mon, 05 Jun 2023 12:09 PM

View on this article on ThePress.mv

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ހަތަރުވަނަ ސެޝަން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޖޫން 6 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ސްރީލަންކާގެ ހާރިޖީ ވަޒީރު، އެމްޔޫއެމް އަލީ ސަބްރީއެވެ. މިޖޮއިންޓް ކޮމިޝަނުގެ ހަވާސާގައި ދެގައުމުގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

"މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން" ބައްދަލުވުމުގެ ކުރިން، ޖޫން 6 ވަނަ ދުވަހު ސީނިއާ އޮފިޝަލުން މިނިސްޓަރު ފެންވަރުގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ރާވާފައެވެ.

ސީނިއާ އޮފިޝަލުންގެ މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ސަގާފަތާއި، ތައުލީމާއި، ސިއްހަތާއި، މަސްވެރިކަމާއި، ދިފާއީ ދާއިރާއާއި، ގާނޫނާއި ގާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

1984 ވަނަ އަހަރު އެކުލަވާލާފައިވާ "މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން" އަކީ ރާއްޖެއާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެގައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖައާކުރުމަށް ދެގައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކެވެ. ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.



More from ThePress.mv