އާންމު އެންޓިބައޮޓިކަށް ނުގުޑާ ބެކްޓީރިއާ މަރާލާނެ އެންޓިބައޮޓިކެއް އޭއައި ގެ އެހީގައި ހޯދައިފި

Fri, 26 May 2023 10:54 AM

View on this article on ThePress.mv

ތަފާތު އެކި ބަލިތަކުގައި ބޭހަށް ނުގުޑައިގެން ދޭ އެންޓިބައޮޓިކަށް ވެސް ނުގުޑާ ސުޕާބަގް ނުވަތަ ބެކްޓީރިއާ މަރާލާނެ އާ އެންޓިބައޮޓިކެއް ސައިންސްވެރިން ހޯދައިފިއެވެ.

ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖަންސް ގެ އެހީގައި، ސައިސްންސް ވެރިން ހޯދި މި އިންގިލާބީ ބަަދަލުގައި އެތައް ބައިވަރު ކެމިކަލްތަކެއް ވަނީ އޭއައިގެ އެހީގައި ފުޅާ ތަހުލީލުތަކެއް ކޮށްފައެވެ. އަދި ކެމިކަލްތައް އެކި ފޯމިއުލޭޝަންގައި ޓެސްޓްކޮށް ކާމިޔާބު ކުރި އާ އެންޓިބައޮޓިކަކީ އެބައުސިން އެވެ. މި ބޭސް އަދި ހުއްދަ ލިބި ބާޒާރަށް ނިކުންނާނީ އިތުރު ތަހުލީލުތަކަށް ފަހުއެވެ.

ކެނެޑާ އާއި އެމެރިކާގެ ސައިންސްވެރިންގެ މި އާ ހޯދުމާއެކު ސިންހީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖަންސްގެ މުހިންމުކަން އިތުރުވެ ކުރިއަށް އޮތް ތަނުގައި އެ ދާއިރާ އިންގިލާބު ކޮށްލާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެންޓިބައޮޓިކް ދިނުމުން ބެކްޓީރިއާތައް މަރުވެއެވެ. ނަމަވެސް ބައެއް ބެކްޓީރިއާތަކަކީ، އެންޓިބައޮޓިކަށް ހޭނި އާ ވޭރިއަންޓްތަކަށް ބަދަލުވުމުން ދެން އެ އެންޓިބައޮޓިކަށް ނުގުޑާ ބެކްޓީރިއާއެވެ.

ހިސާބުތައް ތައްކާ ގޮތުން އެންޓިބައޮޓިކަށް ނުގުޑައިގެން އަހަރެއްގެ މައްޗަށް ބައިމިލިއަނެއްހާ މީހުން މަރުވެއެވެ. ކެނެޑާއާއި އެމެރިކާގެ ސައިންޓިސްޓުންގެ ދިރާސާ ފެށީ އެންމެ ގިނައިން މީހުން މަރުވާ އެއް ބެކްޓީރިއާ ކަމަށް ވާ އެސިނެޓޯބެކްޓާ ބައުމަންނީ އަށް އަމާޒުކޮށްގެންނެވެ. މި ބެކްޓީރިއާ އަކީ ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނާއި އެކިއެކި ޒަހަމްތަކުގައި އަށަގަތުމުގެ ސަބަބުން ނިއުމޯނިއާ ފަދަ ނުރައްކާ ބަލިތައް ޖެހުމަށް މަގުފަހި ކުރާ ބެކްޓީރިއާއެކެވެ. އަދި މި ބެކްޓީރިއާ އަކީ، ނުރައްކާ ބޮޑު ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި އޮންނަ ލިސްޓުގެ އެންމެ މަތީގައި ހިމެނޭ 3 ބެކްޓީރިއާއިން އެކައްޗެވެ.

މި ބެކްޓީރިއާ އަކީ، ސާފޭސް (އެކިއެކި ތަންތަން) އާއި މެޑިކަން އިކްއިޕްމަންޓްތަކުގައިވެސް ދިރި އޮންނަ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާ އާ ގުޅޭ ގޮތުން ސައިންސްވެރިން ބުނެފައި ވަނީ، އެއީ އެންމެ އާންމު އަދި އެއްވެސް އެންޓިބައޮޓިކަކަށް ފުރިހަމައަށް ނުގުޑާ ބެކްޓީރިއާއެއް ކަމަށެވެ.

ސައިންސްވެރިން އުއްމީދު ކުރަނީ މި އާ ހޯދުން 2030 ގެ ކުރިން އާންމު ބޭސްފިހާރަތަކާ ހަމައަށް ގެނައުމަށެވެ.More from ThePress.mv