މީހުން: ދަރިންނަށް ހެދި ސިނަމަން ރޯލްސް އިން އިހުމާގެ ހުވަފެން ހަގީގަތަކަށް!

Thu, 23 Mar 2023 09:30 AM

View on this article on ThePress.mv

ކޮންމެ މީހަކީ ވެސް އެމީހެއްގެ ދިރިއުޅުމުގައި ތަފާތު ހުވަފެންތައް ދެކޭނެ މީހެކެވެ. އެ ގޮތުން އަމިއްލަ މަސައްކަތެއް ފަށުމުގެ ހުވަފެންތައް ދެކޭ އެތައް ބަޔަކު އުޅޭނެއެވެ. ހާއްސަކޮށް އަހަރެމެންގެ ތެރޭގައި އަންހެނުން ބާރުވެރި ކުރުވުމަށް އެތައް ވާހަކަތަކެއް ދެކެވޭ މި ފަދަ ދުވަސްވަރެއްގައި ވިޔަފާރީގެ މައިދާނުން ގިނައިން އަންހެނުން ފެންނަމުންދާ ކަމީ އުފާ ކުރަން ޖެހޭ ކަމެކެވެ.

އުމުރުން 36 އަހަރުގެ އިހުމާ ހަސަން، އާންމު ނަމުން ނަމަ އިހުމާ އަކީ ޕެންޑަމިކް އަށް ފަހު ވަޒީފާ އިން ދުރުގައި ގޭގައި މަޑުކުރަން ޖެހުނު ހިސާބުން އަމިއްލަ ވިޔަފާރިއަކާ ދިމާލަށް މިސްރާބު ޖެހި ހީވާގި މަސައްކަތްތެރި އެކެވެ. ގޭގެ ބަދިގެއިން ތައްޔާރު ކުރަމުން ދާ ސިނަމަން ރޯލްސް ވިއްކައިގެން ވިޔަފާރި ފުޅާ ކުރަމުން އަންނަ އިހުމާ އަށް ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސިނަމަން ރޯލްސްއަށް ހަދައިެގން ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބި އޭނާގެ ވިޔަފާރި ކުރިއަރަމުން ދާ ގޮތް ވަނީ 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައެވެ.

އިހުމާގެ އާއިލާ: 11 އަހަރުގެ ދޮށީ އަންހެން ދަރިފުޅާއި، 9 އަހަރުގެ ފިރިހެން ދަރިފުޅާއި، ފިރިމީހާއި އެކު ތިން އަހަރުގެ ކުޑަ ދަރިފުޅު

ތިން ދަރިންގެ މަންމައެއްގެ ގޮތުގައި ބިޒީކޮށް ގޭގެ މަސައްކަތްތަކާއި ދަރިންގެ ކަންކަން ބަލަހައްޓަމުން ދާ އިހުމާ ބުނީ، އޭނާ އެ މަސައްކަތް ފެށީ ކޮވިޑް އައުމާއެކު، އަދާކުރަމުން ދިޔަ ވަޒީފާއިން ދުރަށް ދާން ޖެހި ގޭގައި މަޑުކުރަން ޖެހި މާލީ ގޮތުން އާއިލާއަށް އެތައް ހުރަސްތަކަކާ ކުރިމަތިލާން ޖެހުނު ހިސާބުން ކަމަށެވެ. އޭރު ސިނަމަން ރޯލްސް ހަދައިގެން އެހާ ބޮޑު ފައިދާއެއް ނެރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެކަން ފެށުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ އޭނާގެ ގާތް އެކުވެރިންތަކެއްގެ ތައުރީފާއި އެމީހުންގެ އުންމީދީ ވާހަކަތަކުން ކަމަށެވެ.

ރައްޓެހިންގެ ތައުރީފް: ރަހަ ދައްކާލައިގެން ނިންމާލާ ވަރަށް ވުރެ މީރު

އެންމެ ފުރަތަމަ ސިނަމަން ރޯލްސް އޭނާ ހަދަން ފެށީ ދަރިންނަށް ސްނެކްސް ގޮތުގައި ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ ނުދިނުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން އިހުމާގެ ދެމަފިރިންނަކީ ވެސް ވަރަށް ސިއްހަތަށް ބަލައި ކަސްރަތަށް ލޯބި ކުރާ ދެމީހުން ކަމަށް ވާތީ ކެއުމަށް އަބަދުވެސް ގޭގައި އެއްޗެހި ތައްޔާރު ކުރުމަށް އިސްކަން ދޭ ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން ސިނަމަން ރޯލްސް ފުރަތަމަ ތައްޔާރު ކުރީ އޭނާގެ ދަރިންނަށް ކަމަށާއި އެއަށް ފަހު އާއިލާ އަދި ރައްޓެހިންނާއެކު ބާއްވާ ބައެއް ހަފްލާތަކާއި އެއްވުންތަކަށް ކާ އެއްޗެއް ގެންދަން ޖެހިއްޖެ ނަމަ ސިނަމަން ރޯލްސް ހަދާ ކަމަށް އޭނާ ބުނެއެވެ.

އިހުމާގެ ތައްޔާރު ކުރާ ސިންމަން ރޯލްސް

އެހިސާބުން އެ ސިނަމަން ރޯލްސް އަށް އާއިލާ އާއި ރައްޓެހިންގެ ފަރާތުން ތައުރީފް ބަންޑުން ކޮށްލިއެވެ. މިއީ ހަމައެކަނި ގާތް މީހުންނަށް ކާން ދީގެން ރަހަ ދައްކަލައިގެން ނިންމާލާ ވަރަށް ވުރެ މީރު އެއްޗެއް ކަމަށް ރައްޓެހިން ބުނެ ވިޔަފާރިއަކާ ދިމާލަށް އިހުމާގެ ވިސްނުން އަނބުރާލަން އެ ރައްޓެހިން އެހީވިއެވެ. އަދި އެ ދުވަސްވަރު އާއިލާތެރޭގައި ހުރި މާލީ ދަތިކަމުން އަރައިގަތުމަށް ކޮންމެ ވެސް ކަމެއް ކުރަން އިހުމާ ބޭނުންވެފައި ހުރުމުން އެ ހިޔާލު ބަލައިގަނެ މަސައްކަތް ފެށީ ކަަމަށް އޭނާ ބުނެއެވެ.

ކުރިން އިހުމާ

ދ. މާއެނބޫދުއަށް އުފަން އިހުމާ ދެވަނަ ދަރި ދަރިފުޅު ލިބި އެ ދަރިފުޅަށް 5 އަހަރު ފުރުމާ އެކު ވަނީ ދ. ކުޑަހުވަދުއަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. އޭނާ ކުޑަހުވަދުއަށް ދިރިއުޅުން ބަދަލުކުރީ އޭރު ކުޑަހުވަދޫ އެއާޕޯޓް ހުޅުވުމުން އެތަނުން ކަނޑިންމަ ރިސޯޓްގެ އެއާޕޯޓް ރެޕްރެޒެންޓޭޓިވް އެއްގެ ވަޒީފާ ހަމަޖެހުމުންނެވެ.

ސަފާރީއެއްގައި އޮތް ރޯދަ ވީއްލުމެއްގައި އިހުމާގެ ސިނަމަން ރޯލްސް

އެހެންކަމުން ދަރިން އެ ރަށު ސްކޫލަށް ބަދަލުކޮށް ކުޑަހުވަދޫގައި ކުއްޔަށް ދިރިއުޅެން ފެށީ، ވަރަށް ފޮނި އުންމީދުތަކަކާ އެކުގައި ކަމަށް އިހުމާ ބުނެއެވެ. ނަމަވެސް ކޮވިޑާއެކު ވަޒީފާ ގެއްލިގެން ދިއުން ވެގެން ދިޔައީ ދިރިއުޅުމަށް އެޅުނު ވަރަށް ބޮޑު ހިޔަންޏެކެވެ. އެހިސާބުން އިހުމާގެ ސިނަމަން ރޯލްސް ހަދައި ފިހާރަތަކަށް ލައި އަދި އޯޑަރަށް ހަދައި ދިނުން ވެގެން ދިޔައީ އެ އަނދިރި ވަމުން ދިޔަ ހަޔާތަށް އަލިކަން ގެނެސްދިން ހުޅުކޮޅަކަށެވެ.

އިހުމާ ހަދާ ސިނަމަން ރޯލް ވިއްކަނީ ހަމައެކަނި ކުޑަހުވަދޫގައެއް ނޫނެވެ. އޭނާގެ ސިނަމަން ރޯލްސް އަކީ ދ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އޯޑަރު ކުރާ އެއްޗެކެވެ. ހަމައެއާކު ތ އަތޮޅުގެ ބައެއް ރަށްރަށުން އޯޑަރު ލިބޭ ކަމަށާއި މާލެއިން ވެސް އޭނާއަށް އޯޑަރު ލިބޭ ކަމަށް އިހުމާ އުފަލާއެކު ފާހަގަ ކުރެއެވެ.

އަހަރެންގެ ފިރިމީހާ އަކީ އަހަރެންގެ 'ބެކްބޯން': އިހުމާ

މި މަސައްކަތުގައި އޭނާގެ ފިރިމީހާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަަމށާއި މަސައްކަތުގައި ފިރިމީހާގެ އިތުރުން ދަރިންގެ ފަރާތުން ވެސް އެހީތެރިކަން ލިބޭކަން އޭނާ ފާހަގަ ކުރެއެެވެ. ކުދިން ގޮވައިގެން އުޅޭ އިރު އެ ކުދިން ވެސް މަސައްކަތުގައި ބައިވެރިކޮށްގެން މަސައްކަތް ކުރާ އިރު އާއިލާގެ އެއްބައިވަންތަކަމާއި ލޯބި ފެނިގެން ދިއުމަކީ މި މަސައްކަތުން އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ކުޑަ އަންހެން ދަރިފުޅާއި ފިރިމީހާ ސިނަމަން ރޯލްސް ހެދުމުގައި އެހީތެރިވަނީ

ރިސޯޓެއްގައި މަސައްކަތް ކުރާ އޭނާގެ ފިރިމީހާ ޗުއްޓީއަށް ރަށަށް އަންނަ ދުވަސް ދުވަހު ވެސް ސިނަމަން ރޯލްސް ހަދަން ޖެހި ބިޒީކޮށް އުޅެން ޖެހެއެވެ. ނަމަވެސް ދުވަހަކު ވެސް ހިތް މަރުވާ ފަދަ ބަހެއް އޭނާގެ ފިރިމީހާގެ ދުލުުން ބޭރެއް ނުކުރާ ކަމަށް ބުނެއެވެ. އަބަދުވެސް އިހުމާއަށް އެހީވުމަށް ތައްޔާރަށް ހުންނަ ކަމަށާއި ޑެލިވަރީ ކޮށްދިނުމުގައި ވެސް ފިރިމީހާ އެހީތެރުވެދޭ ކަން އިހުމާ ފާހަގަ ކުރިއެވެ.

އޭނާ ބުނާ ގޮތުގައި މިއަދު އޭނާއަށް އެހިސާބަށް އާދެވިފައި ހުރީ ފިރިމީހާގެ ސަބަބުންނެވެ. އޭނާ ސިފަ ކުރަނީ ފިރިމީހާ އަކީ އޭނާގެ މައިބަނދައިގެ ގޮތުގައެވެ. އެނާ ނެތް ނަމަ އިހުމާ މިއަދު ކޮޅަކަށް ނުހުންނާނެ ކަމަށެވެ.

އިހުމާ އޭނާގެ ފިރިމީހާ އާ އެކު

އިހުމާގެ މެސެޖް

ފޮނި ކާ އެއްޗެއް ތައްޔާރު ކުރާ އިރުވެސް އިހުމާ އަކީ ކެއުމަށާއި ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ އަންހެނެކެވެ. ހަށިގަނޑަށް ރަނގަޅު ކާނާ ކެއުމާއި، ކަސްރަތު ކުރުމަކީ އޭނާގެ ކޮންމެ ދުވަހަކުވެސް ގަވައިދުން ކުރާ ކަންކަމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މި ހުރިހާ ކަމެއްގެ އިތުރުން ޕޮޒިޓިވް ކޮށް ކަންކަމާ މެދު ވިސްނުމަކީ ވެސް އިހުމާ ސަމާލުކަން ދޭ ކަމެކެވެ.

ގޭގައި ތިބޭ އަންހެނުންނަށް އިހުމާ ދޭން ބޭނުންވާ މެސެޖަކީ، ކޮންމެ މީހަކީ ވެސް ހުވަފެންތަކެއް ދެކޭނެ މީހެއް ކަަމާއި އެމީހެއްގެ ހުވަފެންތަކުގައި ކުލަ ޖައްސަން ކޮންމެ ކަހަލަ ފަންސޫރެއް ވެސް ހަމަ ރަނގަޅު ވާނެ ކަމެވެ. ކިތަންމެ މަދު ފައިސާއަކާ އެކު ކުޑަ މަސައްކަތެއް ފަށަން ޖެހިއްޖެ ނަމަވެސް މަސައްކަތެއް ނުފައްޓާ ހުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އިހުމާ ބުނެއެވެ.

އިހުމާ ކަސްރަތު ކުރުމަށް ދުވަނީ

ކުޑަ އެއްޗަކުން ފަށާ މަސައްކަތްތައް ވެސް ދުވަހެއް ދުވަހުން ކުރިއަރައި ފުޅާވެގެން ދިއުމަކީ އެމީހެއްގެ ހިތްވަރުން ކުރެވިދާނެ ކަންކަމެވެ. ހުވަފެން ހަގީގަތަކަށް ހެދުމަށް ބޭނުން ވަނީ ވަރުގަދަ އަޒުމެއް ކަމަށް އިހުމާ ބުނެއެވެ. އަޒުމަކާ އެކު ކުރިއަށް ދާން މަސައްކަތް ކޮށްފި ނަމަ ކާމިޔާބު އަތުގައި ހިފާކަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ވެސް އޭނާ ބުނެއެެވެ.

އިހުމާގެ ވާހަކަތަކުން ދޭހަ ކޮށްދެނީ ކޮންމެ ކަމެއް ވެސް އެމީހަކު ހިތްވަރަާއެކު ކޮށްފިއްޔާ ކާމިޔާބު ވާނެ ކަމެކެވެ. ހުވަފެނެއް ހަގީގަތަށް ހެދުމަށް ކޮންމެހެން ބޭނުންވަނީ ބޮޑު އިންވެސްޓްމަންޓެއް ނޫން ކަމެވެ. މަދު ފައިސާކޮޅަކުން ވެސް ކުޑަ މަސައްކަތެއް ފަށައިގެން ކުރިއަށް ދެވިދާނެ ކަމީ އިހުމާ ދައްކާ ނަމޫނާއެކެވެ.



More from ThePress.mv