ރީތި ތާރީހު ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވުމުން ކުރަނީ 12 ކައިވެނި!

Thu, 23 Mar 2023 09:10 AM

View on this article on ThePress.mv

ރީތި ތާރީހު ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމުން ކައިވެނިތަކުގެ އަދަދު ބޮޑުތަނުން މަދުވެއްޖެއެވެ.

މިއަދު [23-03-2023] މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމުން ފެމިލީ ކޯޓުން ކުރަނީ 12 ކައިވެންޏެވެ. އެ ކައިވެނިތައް ކޮށްދެނީ ކޯޓުން ބޭރުގައެވެ.

ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވަނި ކޮށްދޭން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ފެމިލީ ކޯޓުގައި އަދި ނުރަސްމީ ގަޑީގައި ކޯޓު ތެރޭގައި ކައިވެނި ކޮށްދެނީ ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށް ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދެނީ ވެސް ހަމަ އެ ގަޑިތަކުގައެވެ.

މި އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭން ނިންމާފައިވާއިރު މިދިޔަ އަހަަރުގެ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 22/12/22 ގައި ފެމިލީ ކޯޓުގައި ޖުމްލަ 58 ކާވެނި ކޮށްދީފައިވާއިރު ދެން އެންމެ ރީތި ތާރީހުގެ ގޮތުގައި ހިމެނޭ 22/2/22 ގައި 85 ކައިވެންޏެއް ފެމިލީ ކޯޓުން ވަނީ ކޮށްދީފައެވެ.

ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު ގިނަ ބަޔަކު ތާރީހަށް ބަލައެވެ. ރީތި ތާރީހެއްގައި ކައިވެނި ކުރަން ގިނަ ބަޔަކު ބޭނުންވެއެވެ.



More from ThePress.mv