ކުރުވާހަކަ: އެކަހެރިކޮށްލުމުން

Thu, 23 Mar 2023 08:57 AM

View on this article on ThePress.mv

އަހަންނަކީ ބަދުނަސީބު ވެރިއެކެވެ. އުމުރުން އެންމެ 12 އަހަރުގައި ދުނިޔެ އަހަންނަށްޓަކާ މިވަނީ ބުރައަކަށް ވެފައެވެ. މުސްތަގުބަލަށް ހުވަފެންތަކެއް ދެކެން އަހަރެންގެ ޅަ ސިކުނޑިއަށް އަދި ނުވެސް އެނގެއެވެ. ނަމަވެސް އޭގެ ކުރިން އަހަރެންގެ ހަޔާތް މިވަނީ އަނދިރި ވެފައެވެ. މީހުން ބުނާތީ އަހަމެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. އަންނާނީ އަޑިގަނޑަކަށް ފަހު އުސްގަނޑެކެވެ. ހިތާމަ އަކަށް ފަހު އުފާވެރި ކަމެވެ. ނަމަވެސް އަހަރެންގެ ހަޔާތަކީ ދެން ބަދަލުވާނެ އެއްޗެއް ނޫންކަން މިހާރު އަހަންނަށް ޔަގީން ކުރެވިއްޖެއެވެ. ބޮޑު އާއިލާއެއް އޮވެމެ އަހަރެން މިވަނީ އެކަހެރި ވެފައެވެ. ބޮޑުވަމުން އައި ދަރިއަކަށް އާއިލާގެ ތެރެއިން ދިނުން އެންމެ މުހިންމު އެއްޗަކީ ކޮން އެއްޗެއް ކަމެއް އަހަރެންގެ އާއިލާ މީހުން ނުދަނެއެވެ. އަޅާލުމާއި ހިތްވަރު ދިނުމަށް އަތުކުރި އޮޅާލަންވީ ވަގުތު އައިސް ޖެހުމުން އެމީހުން އަހަންނަށް ކުރީ މަލާމާތާއި ފުރައްސާރައެވެ. އަހަންނަކީ މީގެ ކުރިން ދުވަހަކުވެސް ކަމަކާ ފިކުރެއް ކުރަން ޖެހުނު ކުއްޖެއް ނޫނެވެ. އަހަރެން މިހާ ދުވަހު ދިރިއުޅެމުން އައީ މިނިވަން ދޫންޏެއް ފަދައިންނެވެ. ދުވެ މަޖާ ކުރުމާ، ހީ ސަކަރާތް ޖެހުމުގައި ރޭދުވާ ހޭދަވެ ދާގޮތް އޭރު ނުވެސް އެނގެއެވެ.

މަންމައަކީ އަވަދި ނެތި އުޅޭ މީހެއް ކަމުން އަހަރެން އުޅޭ ގޮތުން މަންމަ އަބަދުވެސް އަހަންނާ ދިމާލަށް ހަޅޭލަވައެވެ. އިލޮށިފަތި ހިފައިގެން އައިސް އޭގެ ހޫނުކަން ދެފަޔަށް ބާލާ ދުވަސްވެސް މަދެއް ނޫނެވެ. ކަންފަތުގައި ހިފާ ރޮއްވާލުމާއި ގެއިން ނެރެ ބޭރުކޮށްލުން އެއީ މަންމަ އާދަވެގެން އަހަންނަށް އޭރު ދެމުން އައި އަދަބު ތަކެވެ. ދޭ އަދަބު ކިތަންމެ ބޮޑަސް އޭރު މަންމަ އަހަރެން ދެކެ ލޯބިވާކަން އަހަންނަށް އަބަދުވެސް އިހުސާސް ކުރެވެއެވެ. ނަމަވެސް އަހަރެންގެ އުޅުމާއި ވިސްނުމަށް އައި ކުއްލި ބަދަލާއެކު ހުރިހާ ކަމެއް މިއަދު މިވަނީ ބަދަލުވެފައެވެ. އަހަރެން ލަދު ގަންނަން ޖެހޭ ފަދަ ކަމެއް އަހަންނަށް ކުރިމަތި ނުވާ އެންމެ ދުވަހެއް އަހަރެންގެ ހަޔާތުން މިހާރު ފަސްދީ ނުދެއެވެ.

"ސަލީ ހަމަ މިހާރު ތެދުވޭ" ފުންނިންޖެއްގައި ވަނިކޮށް މަންމަ ކުއްލިއަކަށް އަހަރެން އަތުގައި ހިފާ ކޮޅަށް ޖަހައިފިއެވެ.

"އަހަރެން ނުދާނަން ސުކޫލަކަށް" މަންމަގެ އަތް ދަމައިގަންނަމުން އަހަރެން ކުސްތަޅައިގަތީމެވެ. މާ މޮޅު ނޫންނަމަވެސް ގަވައިދުން ފިލާވަޅުތައް ނިންމާތީ ކުރިން އަހަރެންނަށް ދެރަބަހެއް ބުނާނެ ޓީޗަރަކު ނުވެއެވެ. ނަމަވެސް އަހަރެންނަށް އަންނަން ފެށި ބަދަލާ އެކު އެހުރިހާ ކަމެއް މިހާރު ބަދަލު ވެއްޖެއެވެ. އަހަރެން ގަބުވެފައި ހުންނަ ހުރުން ޓީޗަރުންނަށް ވެފައި ވަނީ ބޮޑު އުނދަގުލަކަށެވެ. ކުލާސް ކުދިންގެ ކުރިމަތީ އަހަންނަށް ގޮވާލަން ވަކި އެއްޗެއް މިހާރު އެމީހުންވެސް ނުބަލައެވެ.

"ބަލަ މިހިރަ އަންހެނާ. ތަންމައްޗަށް ހީސްލައިގެން ތިއޮންނަނީ." މަންމަ އަތް ދިއްކޮށްލީ އަހަރެންގެ މޫނަށެވެ. އަހަރެންގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ބޭއިހުތިޔާރުގައި އެނދަށް ބަލާލެވުނެވެ.

"ދުވަހަކަށް ވުރެ ދުވަހެއް ކުޑަތަ ސަލީ ވަނީ. ބޮޑުސިންގާވެފަ ހުރި އަންހެނެކޭ މިހާރު ތީ. ބޮޑު ނުހޮރުއްޕާނަކަށް ވެއްޖޭ މިކަންތައް." ރުޅިއައިސް ރަތްވެފައި ހުރި ކުޅަނދުރެއްހެން މަންމަ އެނބުރެނީއެވެ.

އަހަންނަށް ހީސްލެވުނީ ކޮންއިރަކު ކަމެއް ހުދު އަހަންނަށްވެސް ނޭނގެއެވެ. ވީދެރައަށް ވުރެން ގަތް ލަދު މާބޮޑެވެ. މަންމަ އަހަރެން އަތުގައި ހިފާ ނަގާ ކޮޅަށް ޖަހަމުން ފާހާނައާ ދިމާލަށް ކޮއްޕާލިއެވެ. ދޮރުން ބޯ ދިއްކޮށްގެން ބަލަން އޮތް ދޮންބެ އެވަގުތު އަހަންނަށް ފެނުނެވެ. އަހަންނާއި ދޮންބެއަކީ އެއްމާބަނޑު ދެބެންނެވެ. އަހަރެން ބަލާލުމާ އެކު ދޮންބެ ބާރަށް ހީގެންފިއެވެ.

"އަދިވެސް ހުރީތަ. އިލޮށިފަތީގެ ހޫނުކަން ދައްކާނުލަނީސް ފާހާނައަށް ވަދޭ." އަހަރެންގެ ހާލަށް ކުޑަވެސް ހަމްދަރުދީއެއް މަންމަ ހިތުގައި ނެތެވެ. ތެމިފައި ހުރި ބާލީސްތަކުގެ އުރަތަށް ދަމާ ބާލީހާ ވަކިކުރަމުން މަންމަ ދިޔައީ އަހަރެންނަށް ހަޅޭއްލަވަމުންނެވެ. ދޮންބެ ހުއްޓުވަން މަންމަ އުއްފުވެސް ނުބުންޏެވެ.

އަހަރެން ފާހާނައަށް ވަނީ މަންމަދެކެ ގަތްބިރެއްގެ ބޮޑުކަމުންނެވެ. ފެންވަރާ އަންނައުނު ބަދަލުކުރި އިރު އަހަރެން ރޫރޫ އަޅައެވެ. ސުކޫލަށް ދާން ތައްޔާރުވެގެން ކޮޓަރިން އަހަރެން ނުކުތްއިރު ގޭގެ އެންމެނަށް އެ ހަބަރު ލިބިއްޖެއެވެ. ހީހީފައި އެމީހުން އަހަންނާ ދިމާކޮށް ހެދިއެވެ. ސުކޫލަށް ދިޔައިރު މުޅި ކުލާހަށް ދޮންބެ އެވާހަކަ އޮތީ ފަތުރާލާފައެވެ. ސުކޫލު ގަޑި ނިމޭންދެން އަހަންނަށް ހުރެވުނީ އިސްޖަހާލައިގެނެވެ. އިރުއިރުކޮޅާ ކޮންމެވެސް ކުއްޖަކު އައިސް އަހަރެންނަށް މަލާމާތް ކޮށްލައެވެ.

"އޭ ހީސްކޮތަޅު." ކުލާސް ފިރިހެން ކުއްޖަކު ތޫލި އަޑަކުން ގޮވާލުމާއެކު އެންމެ ބާރަށް ހީގަތީ ދޮންބެއެވެ. އިސްޖަހައިގެން އަހަރެން އިން އިރު ބަޔަކު އަހަރެންގެ ހިތް ވީދާ ކުދިކުދިކޮށް ކަމުން ދާކަމުގެ އިހުސާސް އަހަންނަށް ދިޔައީ ކުރެވެމުންނެވެ. މުޅިދުވަސް އަހަންނަށް ހުރެވުނީ ނެގިމަޑުވެފައެވެ.

އޯގާތެރި އަތެއްގެ ހިމާޔަތަށް އެދި އަހަރެން ހުރީ ކެތްމަދުވެފައެވެ. އަހަރެންގެ ހާލު ކޮންމެވެސް މީހަކަށް ކިޔައިދޭން އަހަރެން ބޭނުން ވިއެވެ. ނަމަވެސް އަހަރެން ފެނުނަސް މިއަދު އެހެން މީހުން އަންނަނީ ހިންޏެވެ. އެންމެނާ ވަކިން އެކަހެރިވެ އިނދެ އަހަރެންގެ މުޅި ދުވަސް ހޭދަކުރަމުން ދިޔައީ ކޮޓަރީގައެވެ. އޭރު އަހަރެންގެ ލޮލުގެ ކުރިމަތިން ދެންމެ ވީ ކަމެއްހެން ތަސްވީރުވަމުން ދިޔައީ އެ ހަނދާންތަކެވެ.

އެއްދުވަހު ދެފައި އޮޅިގެން ސުކޫލު ހުރިހާ ކުދިންގެ ކުރިމައްޗަށް އަހަރެން ވެއްޓިއްޖެއެވެ. އަނެއްދުވަހު ނުފުށަށް ޔުނިފޯމް ލައިގެން އަހަންނަށް ސުކޫލަށް ދެވިއްޖެއެވެ. ފާހާނާ ފުލެޝް ނުކޮށް ނުކުމެވޭ ދުވަސް ގިނަވި ގިނަވިހެން މަންމަގެ އަޑުވެސް ދަނީ ގަދަވަމުންނެވެ. ފެންވަރައިގެން ހެދުން ނުލާ ބައްޕަގެ ކުރިމައްޗަށް ނުކުމެވުނު ދުވަސް ހިތަށް އެރިއަސް އަހަރެންނަށް ލަދުން ރޮވެއެވެ. އެންމެ ފުރަތަމަ މައްސަރުކަންތައް ދިމާވި ދުވަހު ސުކޫލު ގޮނޑިއެއްގައި އަހަރެން އިނީ އިންތަނުން ގުޑިލާންވެސް ނުކެރިފައެވެ. އާއިލާ މީހެއްގެ އެހީތެރިކަން ނުލިބި އެތައް އިރެއް ވާންދެން އެތަނުގައި އަހަރެން އިނީމެވެ. ކުލާސް ކުދިން ސިއްރު ސިއްރުން ހީ މަލާމާތް ކުރި ހަދާންތައް އަހަރެން ހިތުގައި ނުފިލާ ރިހުމެއް ފަދައިން އަދިވެސް މިވަނީ ހަރުލާފައެވެ.

ރެއަށް އިރުއޮއްސި އަނދިރިވުމުން އަހަރެންގެ ސިކުނޑިއަށް އަންނަން ފެށީ މުޅިން އެހެން ހިޔާލު ތަކެކެވެ. އެރޭ އަހަރެންގެ ލޮލަށް ނިންޖެއް ނައެވެ. ރަށުތެރެއިން ފިޔަވަޅު އޮބި ހަމަހިމޭން ވުމުން، އަހަރެންގެ ހަޔާތުގެ ފަހު ސަފުހާ ނިއްމާލުމައްޓަކާ ގެއިން ބޭރަށް ނުކުތީމެވެ. އެފަދަ ދަންގަނޑިއެއްގައި އެއީ އަހަރެން ބޭރަށް ނުކުތް ފުރަތަމަ ފަހަރެވެ. މުޅި ރަށުތެރެއަށް ވެރިވެފައި ވަނީ މަރުފަދަ ނާމާން ހިމޭން ކަމެކެވެ. ނަމަވެސް ގެއިން އަހަރެން ނުކުތީ އެނބުރި ދެން ދުވަހަކުވެސް ގެއަށް ނުވަންނަން އަޒުމު ކަޑައަޅައިގެނެވެ. ގެއިން ނުކުމެގެން ގޮސް އަހަރެން މަޑުކޮށްލީ ބަނދަރު ތޮށިގަނޑު މަތީގައެވެ. މޫދަށް ދޫކޮށްލެވުނު ނަޒަރާ އެކު އަހަރެންގެ ނޭވާ އަރުބުޑުގައި ބެދިއްޖެއެވެ. މަރުވަން އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް އަހަރެން ދިރި ދުނިޔޭގައި ހުރެގެން އުފާވާ މީހަކު އެބަހުރި ހެއްޔެވެ؟ އަހަރެން މަރުވި ނަމަވެސް އެކަމާ ހިތާމަކޮށް ރޮއެ ހަދާނެ އެކަކުވެސް ގޭތެރޭގައި ނޫޅޭނެކަން ފާއިތުވެދިޔަ ތިންމަސް ދުވަހު އަހަންނަށް ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. މަންމަ ބުނާހެން އަހަންނަކީ މަންމައަށް ޖެހިފައި ހުރި ބޮޑު ނުހޮރުއްޕާނެކެވެ. އަހަރެން މި އަނިޔާވެރި ދުނިޔެއިން ނުކުމެގެން ހިނގައްޖެނަމަ ދެދުވަހަކު މަންމަވެސް ރޯނެއެވެ. އެހެނަސް އަހަރެން ހިނގައްޖެނަމަ މަންމައަށް އަހަރެންގެ ތުރާލެއް ދެން ނުޖެހޭނެއެވެ. ދާދި އަވަހަށް މަންމަ އަހަރެން މަތިން ހަނދާންވެސް ނެތިދާނެއެވެ.

ހިޔާލެއް ފިކުރެއްނެތި ޖޯޝުގައި އުޅެމުން ދިޔަ ކުއްޖެއްގެ މިޒާޖު ހަމަ ހުރެލާފައި ބަދަލެއް ނުވާނެއެވެ. އަހަންނަށްވެސް ދިމާވީ ހާދިސާއެކެވެ. ލޭކޮކާލެއްހެން އުދުހެމުން ދަނިކޮށް އަހަރެންގެ ދެފިޔަގަނޑު ބިންދާލާ، ބިންމައްޗަށް ހޫރާލީ އަހަރެންގެ ކާފައެވެ. ލިބުނު ރަނުގެ ފުރުސަތެއްގެ ބޭނުން ހިފާ އަހަރެންގެ ގައިގެ އެތައް މިތަނުގައި ބީހުނީ އަހަރެންގެ މަންމަގެ ބައްޕައެވެ. އެ ބިރުވެރި ވަގުތުކޮޅު އަހަރެންގެ ސިކުނޑީގައި ވަނީ ބިންވަޅު ކެނޑި ނެގިފައެވެ. އެރެއަށް ފަހު އެނޫން ދެވަނަ ހަނދާނެއް އަހަރެންގެ ބުއްދީގައި ހަރުލާ ނުވެއެވެ. އެނޫން ދެވަނަ މަންޒަރެއް އަހަރެންގެ ލޮލުގެ ކުރިމަތިން ސިފައެއް ނުވެއެވެ. ރެއާއި ދުވާ އަހަރެންގެ މޭގަނޑު އޮންނަނީ ބިރުން ތެޅިލަ ތެޅިލައެވެ. އެދުވަހު ކާފައަށް ވެފައި ހުރި ގޮތެއް އަހަންނަށް ބުނެދޭކަށް ނޭގެއެވެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ އެފަދަ ދަނޑިވަޅަކަށް އަދިވެސް ކާފަ އެ ދަނީ ބަލަމުން ކަމެވެ. އަހަންނަށް ކާފަ ސިފަވަމުން ދަނީ ދަހިވެތިކަމާ އެކު އަހަންނަށް ފާރަލަމުންދާ ވަލު ޖަނަވާރެއް ފަދައިންނެވެ. ފުން އަނދަވަޅަކަށް އަހަރެން ވެއްޓިފައި ވަނިކޮށް ފުރަތަމަ ފަހަރު ކުރިމަތިވި މައްސަރު ކަންތަކުގެ ތަކުލީފާއި ވޭނާއި ބިރު ވެގެން ދިޔައީ އަހަރެންގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނު ފަދަ ކަމަކަށެވެ. އަހަރެންގެ ހާލަތު މަންމައާ ހިއްސާކުރަން އަހަރެން ހުރީ އިންތިހާއަށް ބޭނުން ވެފައެވެ. ނަމަވެސް މަންމަ އުޅެމުން ދިޔައީ ދަރިންގެ ހިދުމަތުގައި އަވަދިނެތިއެވެ. ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް އަހަރެންގެ އުޅުމަށް އައީ ކީއްވެތޯ އަހާލާނެ ކުޑަކުޑަ ވަގުތުކޮޅެއް ވެސް އަހަރެންނަށްޓަކައި މަންމައަކަށް ހޯދައެއް ނުދެވުނެވެ.

ބަނދަރަށް ފުއްމާލުމުގެ ކުރިން އަހަރެން އެންމެ ފަހު ފަހަރު ފަސްއެނބުރި ފެންނަން ހުރި އަހަރެންގެ ގެއާ ދިމާލަށް ބަލާލީމެވެ. އެހިނދު އަހަރެންގެ ކަންފަތް ބުޑުގައި ގުގުމައިގަތީ މަންމަގެ ހަޅޭކާއި ދޮންބެގެ ހުނުމުގެ އަޑެވެ. ހިތަށް ކޮށްފައިވާ އަސަރުން އަހަންނަށް ރޮއެ ގަނެވިއްޖެއެވެ. މަރުވަން އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް އެމީހުންނާ އެކު އިތުރަށް ދިރިއުޅޭނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ދެލޯ މަރާ ބާރުކޮށްލުމަށް ފަހު އެންމެ ފަހުން އަހަރެން ބަނދަރަށް ފުއްމާލީމެވެ. ލަހެއް ނުވެ އަހަރެން ގެނބެން ފެށިއެވެ. ލޮނު ބޮވި ނޭވާ ކުރުވެގެން އަހަރެން ތެޅެން ފެށީމެވެ. މަރު އައިސް އަހަރެން ވަށާލުމުން ސަލާމަތަށް އެދި ހަޅޭލަވަން ބޭނުން ވިއެވެ. އެއްޗެއްގައި ހިފޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ލޮނުބޮވި ނޭވާ ބެދި ދެކަޅިއަރާ ހުއްޓުނު އިރުވެސް ސަލާމަތް ވެވޭނެ ފަދަ އެއްވެސް އެއްޗެއްގައި އަހަރެންގެ އަތެއް ނުޖެހުނެވެ. ފަހުނޭވައަށް އެޅުނު ހިނދު ދުރުން މީހެއްގެ ހަޅޭކުގެ އަޑު އަހަރެންގެ ކަންފަތަށް ފޯރިއެވެ. ދެން ވީގޮތެއް އަހަންނަކަށް ނޭނގުނެވެ. ހޭވެރިކަން ވީއިރު އަހަރެން އޮތީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައެވެ. ލިބުނީ ކިހާބޮޑު ގެއްލުމެއް ކަމެއްވެސް ހުދު އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހަށިގަނޑު އޮތީ އެކީ ވާގިނެތިފައި ކަމެވެ. އިނގިއްޔެއްހާ މިންވަރު ގުޑުވާލުމަށްވެސް އަހަރެން ވަނީ ނުކުޅެދިފައެވެ. އަހަރެންގެ ހާލަށް ހަމްދަރުދީވެ މަންމަ ރޮއެރޮއެ ދެލޯ ފާރުވެފައި ހުރިތަން އެދުވަހު އަހަންނަށް ފެނުނެވެ. އަހަރެން ހޭއެރީ ކޯމާގައި ދޮޅުމަސް ދުވަހު އޮތުމަށް ފަހުގައިކަން އަހަންނަށް އެނގުނީ މާފަހުންނެވެ.

އެރޭ އަހަރެން ސަލާމަތް ކުރީ ދޯންޏެއްގައި ނިދަން އޮތް ބިދޭސީ އެކެވެ. އެތައް ފަރުވާއަކަށް ފަހު އެނބުރި ރާއްޖެ އައި ކަމުގައި ވީނަމަވެސް އަހަރެންގެ ހާލަތަށް މާބޮޑު ބަދަލެއް އަދި ނާދެއެވެ. މަޑުމަޑުން ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދާކަން އަހަންނަށް އެނގެއެވެ. އައިޖީއެމްއެޗް ގައި އެތައް ދުވަހަކު ބޭއްވުމަށް ފަހު އަހަރެން މިހާރު މިއޮތީ ގޭގައެވެ.

އަނގައިން ބަސް ބުނެ ބޮލުން ކުޑަ ހަރަކާތެއް މިހާރު އަހަންނަށް ކުރެވޭތީ، އަހަރެންނާ މެދު ކާފަ އަމަލު ކުރިގޮތް އަހަރެން ހާމަ ކޮށްފާނެ ކަމުގެ ބިރަށް ކާފަ ބަދަލުވީ ބޮޑުދައިތަގެ ރަށަށެވެ. ފިލައިގެން މި ދުނިޔެމަތީގައި ކާފައަށް އުޅެވިދާނެއެވެ. ނަމަވެސް ކާފައަށް ކާފަ ކުރި ނުބައި އަމަލުގެ ހައްގު ޝަޒާ ލިބޭނެ ދުވަހެއް ވާކަން އަހަރެންނަށް ޔަގީނެވެ. އަހަރެން ބަލިވެ އޮތުމުން ދޮންބެ އައިސް އަހަރެން ކައިރީ އިށީނދެލައިގެން މިހާރު އިނދެއެވެ. މަންމައާއި ބައްޕަ އަހަންނާ މެދު ކަންތައް ކުރަމުން ދަނީ އަލަށް އުފަންވެފައި އޮތް ތުއްތު ކުއްޖަކާ މެދުވެސް އަމަލު ކުރާނެހާ ލޯބިންނެވެ. އަހަންނަށް ވާހަކަ ދެއްކޭތީ ނުހަނު ލޯތްބާއެކު އެމީހުން އަހަންނާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. އަހަރެން މޫދަށް ފުއްމާލީ ކީއްވެތޯ ފެންކަޅިވެ ރޮވިފަވާ ހާލު މަންމައާއި ދޮންތަމެން އެތައް ފަހަރަކު އަހަންނާ ސުވާލު ކޮށްފިއެވެ. ނަމަވެސް އަހަރެންގެ ހިތުގައި ވަނީ އެމީހުންނައްޓަކާ އިންތިހާއީ ޝަކުވާއެވެ. އަހަރެންދެކެ އެހާ ލޯބިވާނަމަ އަހަރެން ހެޔޮހާލުގައި ވީދުވަހު އަހަރެންނަށް އެ ލޯތްބާއި އޯގާތެރިކަން އެމީހުން ނުދިނީ ކީއްވެހެއްޔެވެ؟ އަހަންނާ ވާހަކަ ދައްކާލާ އަހަންނަށް ވީ ކީއްތޯ އެދުވަހު އަހާ ނުލެވުނީ ކީއްވެހެއްޔެވެ؟

އެމީހުންގެ އެހީތެރިކަން ބޭނުންވީ ދުވަހު އެމީހުން އަހަންނަށް ކުރީ މަލާމާތެވެ. ނޭނގިތިބެ އެމީހުން އަހަރެން އެކަހެރި ކޮށްލިއެވެ. އެހެންކަމުން މިއަދު އަހަރެން އެމީހުނަށް އަހަރެންގެ އެދުވަހުގެ ހާލަތު ކިޔައިދޭންވީ ކީއްކުރަން ހެއްޔެވެ؟



More from ThePress.mv