ހިޔާ ފްލެޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށަނީ

Tue, 23 Feb 2021 01:16 PM

View on this article on Iru.mv

ހިޔާ ފްލެޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށަނީ

ސްމާޓް މީޓަރު ތަޢާރަފުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަމަހުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ސްމާޓް މީޓަރުގެ ޙިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން 2019 ވަނަ އަހަރުގެ ތެރޭގައި ފަށާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި ނިޒާމަށް ބޭނުންވާ ކޮމިއުނިކޭޝަން ޗެނަލްތައް ގުޅާލުމުގެ މަސައްކަތްތައްކަމަށެވެ.

މުޣުނީ ވިދާޅުވީ، މާލޭ ސަރަޙައްދުގައި އެންމެ ފުރަތަމަ ސްމާޓް މީޓަރުތައް އިންސްޓޯލްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައިކަމަށެވެ. އެގޮތުން ހިޔާ ޓަވަރުތަކުގެ ހުރިހާ އެޕާޓްމަންޓެއްގައިވެސް ސްމާޓް މީޓަރ ހަރުކުރާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

މި ޙިދުމަތް ތަޢާރަފުކުރުމަށް ތަފާތު 3 ޓެކްނޮލޮޖީއެއް ސްޓެލްކޯއިން ދަނީ ބަލަމުންނެވެ. އަދި މީގެން ކޮންމެ ޓެކްނޮލޮޖީއެއްވެސް ބޭނުންކުރެވޭނެހެން އެކުންފުނިން ވަނީ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށްފައެވެ. މުޣުނީ ވިދާޅުވީ، މާލޭ ސަރަޙައްދެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް އެކުންފުނިން ޙިދުމަތްދޭ ރަށްރަށަށް ސްމާޓް މީޓަރ ތަޢާރަފުކުރާނެކަމަށެވެ.

މުޣުނީ ވިދާޅުވީ، މި ޙިދުމަތް ތަޢާރަފުކުރުމުން ކަސްޓަމަރުންނަށް އެމީހުންގެ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރާއި، ބިލަށް އަރާވަރު ކޮންމެތަނެއްގައި ހުރެގެންވެސް ރިއަލް ޓައިމްކޮށް ބަލާލެވޭނެކަމަށެވެ. “މިސާލަކަށް އަޅުގަނޑުގެ ބިލަށް 1000 ރުފިޔާ އަރަން ބޭނުންވެއްޖެކަމަށްވަންޏާ 900 ރުފިޔާއަށް އެރީމަ އަޅުގަނޑަށް އެލަރޓެއް އަންނަގޮތް ހެދިދާނެ. ނުވަތަ 1000 ރުފިޔާ އެރީމާ ކެނޑޭގޮތްވެސް ހަދާލެވިދާނެ. މިއީ ވަރަށް ބޮޑު ލުއިފަސޭހައެއްހެން އަޅުގަނޑަށް ހީވަނީ”