'ދައުލަތަށް ލިބެންޖެހޭ 15 މިލިއަން ހޯދުން ނޫން ގޮތެއް ނެތް'

Sat, 27 Jul 2024 12:39 PM

View on this article on Sun Online

'ދައުލަތަށް ލިބެންޖެހޭ 15 މިލިއަން ހޯދުން ނޫން ގޮތެއް ނެތް'

ދައުލަތަށް ލިބެންޖެހި، މިހާތަނަށް ނުލިބި ހުރި ފައިސާ ހޯދުން ނޫން ގޮތެއް މިހާރު ނެތް ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.



ނާޒިމް މިފަދައިން ވިދާޅުވިއިރު ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތަފުސީލު ހާމަކުރައްވާފައެވެ.

ނާޒިމް ވިދާޅުވީ މި ފެށޭ ހަފުތާގެ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ޖަވާބުދާރީވުމަށްޓަކައި މީރާ ހާޒިރުކުރާނެ ކަމަށެވެ. އަދި ނުލިބިހުރި ފައިސާއާ ގުޅޭގޮތުން ސުވާލުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ އަދަދު 15 ބިލިއަނަށް އަރައެވެ.

އަދި އެ ރުފިޔާ ހޯދުން ނޫން ގޮތެއް ނެތް ކަމަށާއި، ފައިސާ ހޯދަން އެބަޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ޓެކްސް އަދި ނޮން-ޓެކްސްގެ ގޮތުގައި ލިބެންޖެހެނީ:

  • އެއާޕޯޓު ޓެކްސް އަދި ފީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ
  • ބޭންކު އިންކަމް ޓެކްސްގެ ގޮތުގައި 15،9000 ރުފިޔާ
  • ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 416 މިލިއަން ރުފިޔާ
  • ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ
  • އެމްޕްލޯއީ ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި 13 މިލިއަން ރުފިޔާ
  • ގްރީން ޓެކްސްގެ ގޮތުގައި 289 މިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތުގައި3 ބިލިއަން ރުފިޔާ
  • ނޮން ރެޒިޑެންޓް ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި 118 މިލިއަން ރުފިޔާ
  • ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި 110 މިލިއަން ރުފިޔާ
  • ޕާސަނަލް އިންކަމް ޓެކްސްގެ ގޮތުގައި 53 މިލިއަން ރުފިޔާ
  • ޓީޖީއެސްޓީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ
  • ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި 218 މިލިއަން ރުފިޔާ

މީގެ އިތުރުން ނާޒިމް ވަނީ މި ފެށޭ ހަފުތާގައި މާލިއްޔަތު ކޮމިޓީގައި މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހޯމަ ދުވަހު މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަނުކުރުމާ ގުޅޭ މައްސަލައިގެ މަސައްކަތާއި، ކޮމިޓީއަށް އެމްއެމްއޭގެ އިތުރުން މީރާ، އެޓާނީ ޖެނަރަލް އޮފީސް އަދި ފިނޭންސް މިނިސްޓްރީ ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި މާލީ ހާލަތު މިހާރު އޮތް ގޮތުން، ގައުމުގެ ދަރަނިން ސަލާމަތްވުމަށް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ޖެހޭ ކަމަށް ރައީސް ވަނީ ރޭ ވިދާޅުވެފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެހެނިހެން ވައްކަންތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ފަސް ނުޖެހޭނެ ކަމަށެވެ. އަދި ވިޔަފާރިވެރިން ފައިސާ ދައްކާނީ އެ ފައިސާ ހޯދަން އުޅުނީމާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ހަފުތާ ތެރޭގައި ވެސް އެ ފައިސާގެ ތެރެއިން ބައެއް ދައުލަތަށް ލިބިފައިވާ ކަމަށެވެ.



More from Sun Online