ނިލަންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ފާތިމަތު ސައުދާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެނައުމަށް، ސޯޝަލް މީޑިއާގައި ހިންގަމުންދާ އެކައުންޓާ އޭނާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ސައުދާ ބުނެފިއެވެ.
ސައުދާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކޮއްކޯފުޅެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާއަށް ސައުދާ އިންތިޚާބުވީއިރު، އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަން ކެމްޕޭނުކޮށް، އަންނަނީ ޓްވިޓާ އެކައުންޓެއް ހިންގަމުންނެވެ.
މިކަމާ ގުޅިގެން ސައުދާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ނަމުގައި އެ ފަދަ ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް އެދިލައްވާފައެވެ.
އަދި އޭނާގެ މަސައްކަތްތައް ތަރުތީބުވެގެންދާނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ވިސްނުމާ އެއްގޮތަށް ކަމަށް އެ ޓްވީޓުގައިވެއެވެ.
ކުރިއަށް އޮތް މަޖިލިސް ދައުރަށް އިންތިޚާބުވެ ވަޑައިގަތް މެންބަރުން ހުވާ ކުރެއްވުމަށް ހަމަޖެހިފައި އޮތީ މި ހިނގާ މެއިހުގެ 28ވަނަ ދުވަހުގައެވެ.
އެހެން ނަމަވެސް އަދި މިހާތަނަށް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ރިޔާސަތު ދެއްވާނީ ކޮން ބޭފުޅަކަށް ކަމާމެދު ޕީއެންސީން އެއްޗެއް ބުނެފައެއް ނުވެއެވެ.
މަޖިލިސް އިންތިޚާބުގައި 45 އަންހެން ބޭފުޅުން ކުރިމަތިލެއްވިއިރު، އޭގެ ތެރެއިން އިންތިޚާބުވެ ވަޑައިގަތީ އެންމެ ތިން މެންބަރުންނެވެ. އެއީ ނިލަންދޫ ދާއިރާއަށް ފާތުމަތު ސައުދާ، ހުރާ ދާއިރާއަށް އަނާރާ ނައީމް އަދި މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސް ކަމަށް ގެންނާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެޑްވައިޒަރު، އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ.
މިކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ ސުޕަމެޖޯރިޓީ ހޯދައިފައިވާ ޕީއެންސީން މަޖިލީހުގެ ރައީސަކަށް ހޮވާނީ ކޮން މެންބަރެއްކަން ނިންމަވާނީ ރައީސް މުއިއްޒު ކަމަށެވެ.
އަދުރޭ ވިދާޅުވެފައިވަނީ އޭނާ އަބަދު ވެސް މަސައްކަތްކުރައްވަނީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ.