މި މަހު ބުޅާތައް ގެންދަން ޝެލްޓަރު ސަރަހައްދަށް ގެންދަނީ

Tue, 07 May 2024 11:51 PM

View on this article on Sun Online

މި މަހު ބުޅާތައް ގެންދަން ޝެލްޓަރު ސަރަހައްދަށް ގެންދަނީ

މާލެ ސިޓީގައި ގިނަވެފައިވާ ބުޅާތައް ފަރުކޮޅުފުށީގައި އަޅާ ފެސިލީޓީގެ ބާކީ އޮތް ބިމަށް ބަދަލު ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔާރު އާދާމް އާޒިމް ވިދާޅުވެއްޖެއެވެ.



އާޒިމް މިފަދައިން ވިދާޅުވީ އެސްއެސްޓީވީގެ "އަދުގެ ޞަފްހާ"ގެ މިރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މާލޭގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ. މޭޔަރު މީގެ ކުރިން ވިދާޅުވީ މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މި ހަފްތާ ތެރޭގައި ފެސިލިޓީގެ ފެންސް މަސައްކަތް ނިމޭނެ ކަމަށާއި އެ މަސައްކަތް ކުރުމަށް އެޗްޑީސިން ހުއްދަތަކެއް ނަގަން ޖެހުނު ކަމަށެވެ.

ފެސިލިޓީ އެޅުމަށް ބޭނުންވާ ހުއްދައިގެ އެއްބައި މިއަދު ލިބުނު ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އުންމީދަކީ މި ހަފްތާ ތެރޭގައި ބުޅާ ފެސިލިޓީގެ މަސައްކަތް ފެށިގެން ދިޔުން ކަމަށެވެ.

މެއި 22، 2020: ބުޅަލެއް މާލެ މަގުމަތީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

މީގެއިތުރުން، މުޅި ފެސިލިޓީ އެއްކޮށް އިމާރާތްކުރުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށާއި އެ ތަނަށް ބޭނުންވާ ސާމާނު ގަތުމަށް ވެސް ދުވަސްކޮޅެއް ނަގާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަމާލުކަންދޭން ޖެހޭ ދެތިން އޭރިއާއެއް އެބަ އުޅޭ މިވަގުތު ވެސް ފުދޭ ވަރަކަށް ބުޅާތައް އެއްވެފަ އޮތް ދެ ދިމާލެއް އަޅުގަނޑުމެނަށް ފާހަގަކުރެވެނީ. އެއީ ސަލްމާން މިސްކިތް ކައިރީ އެ ހިސާބުގަނޑާއި މޭރީބްރައުން ކުރިމަތީ އޮންނަ ހުސް ބިމުގަ ބައިވަރު ބުޅާތައް އެއްކޮށްގެން ކާން ދިނުމާއި މި ކަންކަން ހިނގާ،" އާޒިމް ވިދާޅުވިއެވެ.

އެހެންވެ، އެ ސަރައްހައްދުތަކުގައި ބުޅާ ނަޖިސް ގިނަވާތީ، ޚާއްސަކޮށް ސަލްމާން މިސްކިތް ސަރަހައްދަށް ދާ މީހުނަށް އެ ތަކެއްޗަށް އެރޭ ހާދިސާތައް ދިމާވާ ކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި، ސަލްމާން މިސްކިތަށް ބުޅާ ވަދެގެން އެ ކައުންސިލަށް ރިޕޯޓްކޮށްފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު އެގްރިކަލްޗާ މިނިސްޓްރީއާއި ބުޅަލަށް ލޯބި ކުރާ ހަތަރު އެންޖީއޯއަކާ އެއްކޮށް ބޭއްވުނު ބައްދަލުވުމެއްގައި އެ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ބުޅާ ފެސިލިޓީ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން، އާޒިމް ވިދާޅުވީ ފެސިލިޓީ ނިމެންދެން އެ ބިމުގައި ބާކީ އޮތް ބިމަށް ބުޅާތައް ގެންދަން ފެށުމަށް މަޝްވަރާކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް އަވަހަކަށް ފަށާފައި ވެސް ނިމެންވާއިރަށް ވަކި އޭރިއާއެއް ހަދާފައި އެންމެ ފުރަތަމަ ވެސް ސަލްމާން މިސްކިތް ކައިރީ އެ އުޅޭ ބުޅާތައް ގެންދިޔުމުގެ މަސައްކަތް ފަށަން. އަޅުގަނޑުމެން މި ބަލަނީ މި މަސްތެރޭ، ކޮންމެސް އެއް ބުޅާތަކެއް އެތަނަށް ގެންދިއުމަށް،" އޭނާ ފާހަގަކުރެއްވިއެވެ.

ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރު ގާއިމުކުރަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ. މި ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް، ފަރުވާ ދިނުމުގެ އިންތިޒާމު ގާއިމުކުރާނެއެވެ. މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ފެސިލިޓީއެކެވެ.



More from Sun Online