މަހުގެ ކޮލިޓީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަނީ

Tue, 07 May 2024 11:46 PM

View on this article on Sun Online

މަހުގެ ކޮލިޓީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަނީ

މާލޭ ސަރަހައްދުގައި އަލަށް އިމާރާތް ކުރާ މަސް މާރުކޭޓު ތަރައްގީ ކުރާނީ އެ ތަނުގައި ވިއްކައި، މަހުގެ ކޮލިޓީ ބެލެހެއްޓޭނެ އިންތިޒާމްތަކާ އެއްކޮށް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.



އެސްއެސްޓީވީގެ "އަދުގެ ޞަފްހާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލޭ ސަރަހައްދުގައި އަޅާ މަސް މާރުކޭޓުތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މާލޭގައި މިހާރު ހުރި މަސް މާރުކޭޓު ހުރީ އެންމެ ރަނގަޅު ތަނުގައި ނޫންކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ މަސް މާރުކޭޓު ބަދަލުކުރަން ޖެހެނީ ވަޅޯމަސް މާރުކޭޓު މިހާރު އަޅާފައި ހުރި ތަނަށް ކަމަށެވެ.

އެގޮތުން މަސް މާރުކޭޓު އެޅުމަށް ވަޅޯ މަސް މާރުކޭޓު ދެ ތަނަކަށް ބަދަލު ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެއީ ހައިކޯޓު ކުރިމަތީ އޮތް ހުސް ބިމަށް ކަމަށާއި ލިލީ ސްޓޯރު ހިސާބުގައި އޮންނަ ހުސް ބިމަކަށް ކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މަސް މާރުކޭޓުތަކުގައި ވިއްކޭ މަހަކީ ކޮލިޓީ ބެލިގެން ވިއްކޭ މަހަކަށް ހަދަން ބޭނުންވާ ކަމަށެވެ.

"މާލޭގައި ވިއްކާ މަސް ވިޔަސް، ވިލިމާލެގައި ވިއްކާ މަސް ވިޔަސް ހުޅުމާލޭގައި ވިއްކާ މަސް ވިޔަސް، އެ މަހަކީ ކޮލިޓީ ބެލިގެން ވިއްކޭ މަހަކަށް ހަދަން. އެއީ ވަރަށް މުހިންމު ކަމެއް،" އާޒިމް ވިދާޅުވިއެވެ.

މެއި 6، 2019: މާލެ، މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސްމާމ

މީގެ އިތުރުން، އާޒިމް ވިދާޅުވީ މަސް މާރުކޭޓުން މަސް ގަތުމަށްފަހު ކެއިން ބުއިިމަށް ބޭނުންކުރާއިރު އެ މަސްތައް ކެވެމުން ދަނީ ކޮން ކޮލިޓީއެއްގައި ކަން ނޭނގޭ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭ މަސް މާރުކޭޓުގައި މަސްތައް ގެންދަނީ ހިނގާ ހުރަސްކޮށް މަގު ހުރަސްކޮށް ކަމަށްވާތީ މުޅި މަގު ވެސް ހަޑިވާ ކަމަށެވެ.

"މިހާރު މިހަރަ ތަންތަނުގެ ހާލަތަކީ، މަތިން ވިއްސާރަވެސް އެބަ ވެހޭ. އެތަނުގަ މަސައްކަތް ކުރަން ތިބޭ މީހުންނަށް ހިތްފަސޭހަ ކަމެއް ނެތް. އެހެންވީމަ މި އަމާޒަކީ، ހިތްފަސޭހަ މާރުކޭޓެއް އަސްލުގަ މާލެ ސިޓީގައި ހިމެނޭ ރައްޔިތުންނަށް ދިނުން. އެއީ ވިލިމާލެ، ހުޅުމާލެ ލައިގެން" އޭނާ ވިދާޅުވިއެވެ.

ވަޅޯ މަސް މާރުކޭޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއާއެކު، ދިވެހިންނަކީ ސާފު ތާހިރު ތަންތަނުގައި އުޅެން ބޭނުންވާ ބައެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މަސްމާރުކޭޓުތައް ހުންނާނީ އެންމެނަށް ބޭނުން ކުރެވޭ ތަނެއް ގޮތަށް ކަމަށެވެ.

މާލޭ މަސް މާރުކޭޓު 18 މަސް ދުވަސްތެރޭ ނިންމޭކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ އެ ކައުންސިލުގެ މީހުން މަސް ވިއްކާ ތަންތަނުގައި މަހުގެ ކޮލިޓީ ބެލުމަށް ބައިތިއްބަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ޖަޕާނު ތަންތަނުގައި ވެސް މަހުގެ ކޮލިޓީ ބެލިގެން މަސް ވިއްކަމުން ދަނީ. އަދިހަމަ ގަންނައިރު ވެސް އަޅުގަނޑުމެނަށް އެބަ ފެނޭ، މަސް ބޯޓަށް ކިރާއިރު ވެސް މަހުގެ ކޮލިޓީ ބެލޭތަން، އެހެންވީމަ މަސް ކޮލިޓީ ބެލޭނެ ރަނގަޅު މީހުން ތަމްރީނުކޮށް، އަޅުގަނޑުމެންގެ މީހުން އެ ތަންތަނުގައި ބައިތިއްބަން ޖެހޭ މަސް ވިއްކާ ތަނުގަައި" އޭނާ ފާހަގަކުރެއްވިއެވެ.

މަސް މާރުކޭޓު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ މަނިކުފާނު ކެމްޕޭން ތެރޭގައި ވިދާޅުވީ، މަސްމާރުކޭޓު ތަރައްގީ ކުރާނީ ހަތަރު ބުރިއަށް ކަމަށެވެ.

އެ ތަނުގައި އެންމެ ތިރީގައި މަސްމާރުކޭޓު ހުންނައިރު މަތީގައި ތަރުކާރީގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



More from Sun Online