އިންޑިއާ ފަތުރުވެރިންގެ އަދަދު 42 އިންސައްތަ ދަށަށް

Mon, 06 May 2024 03:09 PM

View on this article on Sun Online

އިންޑިއާ ފަތުރުވެރިންގެ އަދަދު 42 އިންސައްތަ ދަށަށް

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރާތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހަށް ވުރެ 42 އިންސައްތަ ދަށްވެއްޖެއެވެ.



އިންޑިއާއަކީ މި އަހަރު ފެށުނުއިރު ރާއްޖޭގެ އެއްވަނަ މާކެޓެވެ.

ނަމަވެސް މި އަހަރު ފެށުނު ފަހުން އެ ގައުމު އޮތީ އެ ލިސްޓުގެ ހަވަނައިގައެވެ. ލިސްޓުގެ ހަވަނައިގައި އެ ގައުމު އޮންނަތާ ފަސް މަސް ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އިންޑިއާއިން ރާއްޖެ އައިސްފައިވަނީ ޖުމްލަ 43،991 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީން އެޕްރީލްގެ ނިޔަލަށް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 73،785 އެވެ. މި އަހަރުގެ އޭޕްރީލްގެ ނިޔަލަށް އިންޑިއާއިން އައިސްފައިވަނީ 42،638 ފަތުރުވެރިންނެވެ.

މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 794،109 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން މިހާރު އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 87،168 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ދެވަނައިގައި އޮތް ރަޝިއާއިން 80،160 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން ޒިޔާރަތްކޮށްފައިވަނީ 76،823 ފަތުރުވެރިންނެވެ.

އިންޑިއާ ފަތުރުވެރިން އައުން މިހާ ބޮޑަށް ދަށްވެފައިވަނީ މި ސަރުކާރު އުފެދުމާ އެކު އަވައްޓެރި ގައުމާ އެކު އުފެދުނު ނުތަނަސްވަމުގެ ތެރެއިންނެވެ.

އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ޕީއެންސީ އޮތްއިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައި އޮއްވައި މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް މީސްމީޑިއާގައި ޕޯސްޓްތަކެއް ކޮށްފައެވެ.

އެއަށް ފަހު އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން ވަނީ ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލައިފައެވެ. އޭގެ ފަހުން، ރާއްޖެ ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދު ނަމަވެސް، މި ސަރުކާރުން ގާތްގުޅުމެއް ބާއްވާ ޗައިނާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

މި ސަރުކާރުން ވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފާފައެވެ.



More from Sun Online