މަސައްކަތެއް ނުހުއްޓޭ، ސިޔާސީ ހަރަކާތްތައް އެބަރާވާ: ޖަމީލް

Mon, 06 May 2024 12:38 PM

View on this article on Sun Online

މަސައްކަތެއް ނުހުއްޓޭ، ސިޔާސީ ހަރަކާތްތައް އެބަރާވާ: ޖަމީލް

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ސިޔާސީ މަސައްކަތްތައް ނުހުއްޓޭ ކަމަށާއި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މިހާރު ވެސް ރާވަމުން އަންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.



ދެ ރެއިން އެއް ރޭ ކަހަލަ ގޮތަކަށް ޖަގަހަ ޖަލްސާތައް ބާއްވަމުން އައި ޕީއެންއެފްގެ ހަރަކާތްތައް މަޖިލީސް އިންތިޚާބަށް ފަހު ވަނީ މަޑުޖެހިފައެވެ.

އެ ކަމާ ގުޅިގެން 'ސަން'އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖަމީލް ވިދާޅުވީ، ޕާޓީގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ޕާޓީގެ ސްޓްރަކްޗާ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މަޖިލީސް އިންތިޚާބާ ޕާޓީގެ ހަރަކާތްތަކާ އެއްވެސް ގުޅުމެއް ނެތް. މިހާރު ކުރިއަށްދަނީ ބައެއް އިދާރީ އޮނިގަނޑު އެކުލަވައިލުން،" އޭނާ ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަގަހަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ޖަމީލް ވިދާޅުވީ، މި ދުވަސްވަރަކީ ސްކޫލުތަކުގެ ޗުއްޓީކަމުން ގިނަ ބަޔަކު ޗުއްޓީއަށް ގޮސްފައިވާ ކަމަށެވެ. އެއީ ވެސް ޕާޓީގެ ހަރަކާތްތައް ނުފެންނަ ސަބަބެއް ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޕާޓީގެ ހަރަކާތްތައް މަދުވުމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކާ ގުޅުވައި އޭނާ ވިދާޅުވީ، ޕާޓީގެ ސިޔާސީ ގިނަ މަސައްކަތްތަކެއް މިހާރު ވެސް ރާވަމުން އަންނަ ކަމަށެވެ. އަދި، ރައްޔިތުންގެ މަސްލަހަތަށް ހީވަގިކަމާ އެކު މަސައްކަތްކުރާ ހަމައެކަނި ޕާޓީއެއްގެ ގޮތުގައި ފެންނަނީ ޕީއެންއެފް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަސްލަހަތަށް ހީވާގިކަމާ އެކު މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންއެފްގެ ގޮތުގައި ފެންނަނީ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންވެވަޑައިނުގަންނަވާ ގޭބަންދުގައި ހުންނެވީއިރު ވެސް ގެންދެވީ ޕީއެންއެފްގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ހައިކޯޓުން އެ މަނިކުފާނު މިނިވަންވެވަޑައިގަތީ އޭޕްރީލް 18 ގައެވެ. އޭގެ ފަހުން މަޖިލީސް އިންތިޚާބަށް އޮތް ކުޑަ ވަގުތުކޮޅު ތެރޭގައި ޔާމީން ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގެންނެވިއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން: އެ މަނިކުފާނުގެ މަސައްކަތް މަޑުޖެހުނީ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވޭ -- ސަން ފޮޓޯ/ އަމަން ލަތީފް

އެކަމަކު، އިންތިޚާބަށް ފަހު މިހާތަނަށް އެ މަނިކުފާނު އެއްވެސް ސިޔާސީ ހަރަކާތަކުން ފެނިފައެއް ނުވެއެވެ.

މަޖިލީސް އިންތިޚާބުގައި ޕީއެންއެފްގެ ކެންޑިޑޭޓުން ވާދަނުކުރި ނަމަވެސް ޔާމީންގެ ތާއީދާ އެކު ކެންޑިޑޭޓުން ވާދަކުރިއެވެ. ސަރުކާރަށް ސުޕަމެޖޯރިޓީ ލިބުނު އިންތިޚާބުގައި ޔާމީންގެ ތާއީދާ އެކު ވާދަކުރި އެއްވެސް ކެންޑިޑޭޓަކު އިންތިޚާބެއް ނުވެއެވެ.

މި ވެރިކަން އުފެދުނުއިރު ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުގައި ހުންނެވި ޔާމީން އެ މަގާމުން އިސްތިއުފާދެއްވައި އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އިއުލާނުކުރެއްވީ ސަރުކާރަށް ހަފުތާއެއް ވެސް ނުވަނީހެވެ. އޭގެ ފަހުން އެ މަނިކުފާނު ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.



More from Sun Online