މާދެލީގައި އަޅަން ނިންމި މަސް ފެކްޓްރީ ނިލަންދޫއަށް

Mon, 06 May 2024 12:27 PM

View on this article on Sun Online

މާދެލީގައި އަޅަން ނިންމި މަސް ފެކްޓްރީ ނިލަންދޫއަށް

ދ. މާދެލީގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އަޅަން ނިންމެވި މަސް ފެކްޓްރީ ފ. ނިލަންދޫގައި އަޅާ ގޮތަށް މިއަދު ނިންމައިފިއެވެ.



މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މެދު ރާއްޖެ ތެރޭގައި އަޅަން ނިންމައިފައިވާ މަސް ފެކްޓްރީ ނިލަންދޫގައި އަޅަން ނިންމައިފައިވާ ކަމަށެވެ.

އަދި އެ ރަށަކީ އާބަން ސެންޓަރެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފައިވާ ކަން ވެސް އެ ޕޯސްޓުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން އެ މަސްފެކްޓްރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އިސް ވެރިންގެ ޓީމެއް ނިލަންދޫ ކައުންސިލާ ބައްދަލު ކުރައްވައިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި މި ބައްދަލުވުމުގައި މި ފެކްޓަރީ ގާއިމްކުރުމަށް އެ ރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް މިސްޓްރީން ބުނެފައިވެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 14ވަނަ ދުވަހު ސަރުކާރުން ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ފެކްޓްރީ އެޅުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ޅ. ފެލިވަރާއި ދ. މާދެލީގެ އިތުރުން ގދ. ފިޔޯރީގައި މަސް ބަންދު ކުރާ ފެކްޓްރީތައް ގާއިމު ކުރަން އޭރު އޮތީ ހަމަޖެހިފައެވެ.

އެގޮތުން މާދެލީގައި ވެސް 50 ޓަނުގެ މަސް ޕްރޮސެސް ކުރާ ފެކްޓްރީއެއް އަޅަން އޭރު ނިންމިއެވެ

މީގެ އިތުރުން މަޖިލިސް އިންތިޚާބުގައި ކުރެއްވި ކެމްޕެއިން ދަތުރުފުުޅުތަކުގެ ތެރޭގައި ވެސް ނިލަންދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށަކީ އާބަން ސެންޓަރެއްގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.



More from Sun Online