އިމްރާންގެ ވީޑިއޯ: ރައީސް ވިދާޅުވީ ފަޟީހަތްކޮށްގެން ނުވާނޭ

Mon, 06 May 2024 11:42 AM

View on this article on Sun Online

އިމްރާންގެ ވީޑިއޯ: ރައީސް ވިދާޅުވީ ފަޟީހަތްކޮށްގެން ނުވާނޭ

ވީޑިއޯކޮށްގެން މީހުން ފަޟީހަތްކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަޞީހަތް ނުކުރާން ގޮވާލައްވައިފިއެވެ.



ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރާއި އާންމު މީހެއްގެ ޕިކަޕެއް އެކްސިޑެންޓުވި ސަރަހައްދުގައި ހުންނަވައި، ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ހެއްދެވި ވީޑިއޯއެއް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އޭގައި އިންމު، އިމްރާން އަރިހުން އެކްސިޑެންޓާ ގުޅިގެން އާންމު މީހާއަށް މާފުކޮށްދޭން އެދެއެވެ.

އެ ވީޑިއޯއާ އެކު ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ކުރީގެ މިނިސްޓަރު އިމްރާނަށް ފާޑު ކިޔައިފައެވެ. އަދި، އަނެއް ބަޔަކު ވަނީ އިންތިޚާބީ މެންބަރުގެ ފަރާތުން ފެނުނީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ވެސް ނުރުހުން ފާޅުކޮށްފައެވެ.

ދެ އިމްރާންގެ ވީޑިއޯ: ވީޑިއޯއާ މެދު ހިޔާލު ވަނީ ދެކަފިވެފައި --

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި އެ ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއި ގޮތުން ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެ ކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމުވެފައިވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލުހިފުމުގެ ރޫޙު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ!،"

އެ މަނިކުފާނު ވަނީ އެންމެން ވެސް އޯގާތެރިކަމާއި ކުލުނުވެރި އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވާން އެދިވަޑައިގެންފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އިމްރާން ރައީސްކަން ކުރައްވާ އަދާލަތު ޕާޓީންނެވެ. އެ ޕާޓީގައި އެ މަނިކުފާނު ވަނީ ގިނަ ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައެވެ.



More from Sun Online