އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސްގެ ލޯގޯ ތައާރަފުކޮށްފި

Sun, 05 May 2024 11:02 PM

View on this article on Sun Online

އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސްގެ ލޯގޯ ތައާރަފުކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަަސް އޮތޯރިޓީގެ ލޯގޯ ތައާރަފުކޮށްފިއެވެ.



އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ލޯގޯ އާންމު ކުރައްވާފައެވެ. އަދި މި އޮތޯރިޓީ ހިންގުމާއި ސްޓްރެޓެޖީއާއި އޮޕަރޭޝަންސް ފްރޭމްވާކްގެ މަސައްކަތް ނިންމުން ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު، މި އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ އައްޔަން ކުރައްވާފައެވެ.

ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެ މަނިކުފާނު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަަސް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފެއްދެވީ 21 ޖެނުއަރީގައެވެ.

މި އޮތޯރިޓީއަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.

މި އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރޭގައި އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމާއި، ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމު ކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން ހިމެނެއެވެ.



More from Sun Online