މޯލްޑިވްސް ފުޑް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު

Thu, 02 May 2024 06:25 PM

View on this article on Sun Online

މޯލްޑިވްސް ފުޑް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު

ކޮންމެ އަހަރަކު ކުލަގަދަ ބާއްވަމުން ގެންދާ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.



މޯލްޑިވްސް ފުޑް ކާނިވަލުން ބުނީ މި އަހަރުގެ އިވެންޓް ބާއްވަނީ ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން ގުޅިގެން ކަމަށެވެ. އެ ގޮތުން ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ ޕްރޮޑަކްޓްތައް ދައްކާލުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކާއެކު މި ކާނިވަލް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

މި އިވެންޓު ކުރިޔަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށް މޯލްޑިވްސް ފުޑް ކާނިވަލުން ބުނެއެވެ.

ކާނިވަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި "ބިރުވެރި ހޮހަޅަ"، ފަން އެރީނާ، އަދި ތަފާތު ދިވެހި ފަންނާނުންނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ގިނަ ކާބޯތަކެތި ވިއްކާ ފަރާތްތައް ވެސް އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލާ ވިއްކުމަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ފުޑް ކާނިވަލްއިން ބުނެފައިވެއެވެ. އެ ގޮތުން ކާނިވަލް ތެރޭގައި އާޓިސަން މާކެޓް، ފުޑް ސްޓްރީޓް، ފުޑް އެކްސްޕޯ އަދި ސެންޓާ ކޯޓަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ކާނިވަލްގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުން އޮތީ އޮންލައިންކޮށެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް ފުޑް ކާނިވަލަށް 14،000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. ފުރަތަމަ އެޑިޝަންގެ ކާމިޔާބީއަށް ބިނާކޮށް މިއަހަރު މޯލްޑިވްސް ފުޑް ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރީ އަހަރާއި ތަފާތުކޮށް ކުލަގަދަ އަދި ފޯރިގަދަ އިވެންޓްއެއް ގޮތުގައި ކަމަށް މި އިވެންޓް ހިންގާ ފަރާތުން ބުނެއެވެ.



More from Sun Online