އޭއީއެޗްގެ ސީއީއޯ ބަލި މީހުން ބައްލަވަނީ

Thu, 02 May 2024 12:26 PM

View on this article on Sun Online

އޭއީއެޗްގެ ސީއީއޯ ބަލި މީހުން ބައްލަވަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑޮކްޓަރު އިބްރާހިމް ޔާސިރު އަހްމަދު، ބަލި މީހުން ބައްލަވަން ފަށައިފިއެވެ.



އެތެރެހަށީގެ ޙާއްސަ ޑޮކްޓަރެއް ކަމަށްވާ ޔާސިރު އޭއީއެޗްގެ ސީއީއޯއަކަށް ހަމަޖެއްސީ މާޗު 17، ގައެވެ.

އޭއީއެޗްއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ޔާސިރު ބަލި މީހުން ބައްލަވަން ފައްޓަވާފައިވާތީ އެ ކަމާ ފަހުރުވެރިވާ ކަމަށެވެ. އެގޮތުން، އޭނާއަށް ދައްކަން ބޭނުންވާ މީހުން 1632 އަށް ގުޅައިގެން އެޕޮއިންޓްމަންޓު ހެއްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޔާސިރު ބައްލަވާ ޙާއްސަ ދާއިރާތަކުގެ ތެރޭގައި ހަކުރު ބައްޔާއި ތައިރޮއިޑްގެ މައްސަލަތަކާއި ހައިޕާޓެންޝަން އަދި އިންފެކްޝަންގެ މައްސަލަތައް ވެސް ހިމެނެއެވެ.

މީގެ ކުރިން، އައިޖީއެމްއެޗާއި މެޑިކާ ހޮސްޕިޓަލުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. އަދި، އޭނައަކީ އިންޓާނަލް މެޑިސިންގެ ދާއިރާއިން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ސީނިއާ ކޮންސަލްޓަންޓެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހަދަން ފެށި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މަސައްކަތް ނިމި، އެ ތަނުން ޚިދުމަތް ދޭން ފެށީ ނިމިދިޔަ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި 2020ވަނަ އަހަރެވެ.

އެއާ އެކު އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާރް)ގައި ދެމުން ގެންދިޔަ ހުރިހާ ޚިދުމަތްތަތްކެއް މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.



More from Sun Online