ސުޕަމެޖޯރިޓީ ނުރޫޅި ހިފެހެއްޓޭނެކަން ޔަގީން: އަބްދުއްރަޙީމް

Tue, 30 Apr 2024 10:07 AM

View on this article on Sun Online

ސުޕަމެޖޯރިޓީ ނުރޫޅި ހިފެހެއްޓޭނެކަން ޔަގީން: އަބްދުއްރަޙީމް

ކުރީގެ ރައްޔިތުންގެ މަޖިލީސްތަކާއި ސިޔާސީ ގޮތުން ފާއިތުވި ފަސް އަހަރު ކުރި މަސައްކަތްތަކުގެ ތެރެއިން ބައިވަރު ތަޖުރިބާތަކެއް އެބަހުރި ކަމަށާއި 20 ވަނަ މަޖިލީސް އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ސުޕަމެޖޯރިޓީ، ފަސް އަހަރު ނިމެންދެން ހިފެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.



ފާއިތުވި ތިން މަޖިލީސް އިންތިޚާބުގައި މެޖޯރިޓީ ހޯދީ ސަރުކާރު ހިންގާ ޕާޓީންނެވެ. ފަހަރަކަށްވުރެ ފަހަރެއް އެ މެޖޯރިޓީ ފުޅާވި ނަމަވެސް، ކޮންމެ ފަހަރަކު ވެސް ވަކި ހިސާބަކުން މެޖޯރިޓީއަށް ލޮޅުން އަރައެވެ.

މިދިޔަ ހަފުތާގައި ނިމުނު ވިހިވަނަ މަޖިލީސް އިންތިޚާބުގެ ސުޕަމެޖޯރިޓީއެއް ކާމިޔާބުކުރީ ވެސް ސަރުކާރު ހިންގާ ޕީއެންސީންނެވެ. އަމިއްލަގޮތުން އިންތިޚާބުވުމަށް ފަހު، ޕީއެންސީއަށް ސޮއިކުރި މެންބަރުންނާ އެކު، އެ ޕާޓީގެ ޖުމުލަ 77 މެންބަރުން މި ފަހަރުގެ މަޖިލީހުގައި ތިއްބަވާނެއެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ.

އަބްދުއްރަޙީމް: އޭނާ ވިދާޅުވީ ރައީސް މުއިއްޒަކީ ޓީމެއް ގެންގުޅުމުގައި އާދަޔާ ހިލާފު ބޭފުޅެއް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

މި ހަފުތާ ބަންދުގައި 'ސަން'އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޙާއްސަ އެޑްވައިޒަރު އަބްދުއްރަޙީމް ވިދާޅުވީ، ސަރުކާރަށް ލިބުނު ސުޕަމެޖޯރިޓީ ފަސް އަހަރު ވަންދެން ދެމެހެއްޓޭނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ކަމަށް އޮތް އެންމެ ބޮޑު ފަސޭހައަކީ ރައީސް މުއިއްޒު ޕާޓީގެ ރައީސްކަމުގައި ވެސް ހުންނެވުމެވެ.

"އަޅުގަނޑުމެންނަށް މި ފަހަރު އޮތް އެންމެ ބޮޑު އެއް ފަސޭހަ އެއީ ޕާޓީގެ ރައީސާއި ގައުމުގެ ރައީސާ އެއް ބޭފުޅަކަށްވުން،" މީގެ ކުރިން މެޖޯރިޓީތައް ރޫޅިގެން ދިޔައިރު ދިމާވި އެންމެ ބޮޑު މައްސަލައަކީ އެހެން އެކަން ނުވުންކަން ފާހަގަކުރައްވައި އަބްދުއްރަޙީމް ވިދާޅުވިއެވެ.

"ޕީޕީއެމްގެ ވެރިކަން އޮތް އިރު ޕީޕީއެމްގެ ރައީސާއި ގައުމުގެ ރައީސާ އެއީ ދެ ބޭފުޅެއް. އެމްޑީޕީގެ ވެރިކަމުގައި ވެސް ގައުމުގެ ރައީސާއި އެމްޑީޕީގެ ރައީސާ އެއީ ދެ ބޭފުޅެއް،"

https://sun.mv/191385

އޭނާ ވިދާޅުވީ، 2014 ވަނަ އަހަރު އުފެދުނު 18 ވަނަ މަޖިލީހުގައި ވެސް ސަރުކާރަށް ތާއީދުކުރައްވާ 13 މެންބަރުން ޕާޓީ ދޫކޮށް ވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށެވެ. އޭގެ ފަހުން، މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި ވެސް ކުރިމަތިވީ މައްސަލައަކީ އެއީ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ޕީޕީއެމް ވެރިކަމުގައި އޮތްއިރުގައި އެ ޕާޓީގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ އޭރު އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ފަހުން ފެނުނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެމެދު މައްސަލަ ޖެހި، ޕާޓީ ދެކަފިވެގެންދިޔަތަނެވެ.

ފަހުން އުފެދުނު އެމްޑީޕީގެ ވެރިކަމުގައި ވެސް ސުޕަމެޖޯރިޓީ ނުހިފެހެއްޓުނީ އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި، ނަޝީދު އާ ޕާޓީއެއް އުފައްދަވަން ނިންމެވި ހިސާބުންނެވެ.

"ޕާޓީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ތަމުސީލުކުރާ ކަންކަން ބަލަހައްޓާނެ އިސް ބޭފުޅަކަށް ވާނީ ޕާޓީގެ އިސް ބޭފުޅުން. އެގޮތުން ބަލާއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެ ހުންނެވީ ޑރ. މުހައްމަދު މުއިއްޒު. ޑރ. މުއިއްޒަކީ އަޅުގަނޑުމެން ޕާޓީގެ ވެސް ރައީސް،" އޭނާ ފާހަގަކުރެއްވިއެވެ.

"އެ މަނިކުފާނަކީ [ރައީސް މުއިއްޒު] އަކީ ޓީމެއް ގޮވައިގެން މަސައްކަތް ކުރުމުގައި ވަރަށް ތަފާތު ބޭފުޅެއް،"

ޕީއެންސީގެ ލީޑާޝިޕް: އޮތީ 'އެއްބައިވަންތަކަމުގެ' ރޫހެއް ކަމަށް އަބްދުއްރަޙީމް ވިދާޅުވި -- ފޮޓޯ/ އެލީޒް

އޭނާ ވިދާޅުވީ، ކުރީގެ މަޖިލީސްތަކުގައި ކަން ހިނގާފައި އޮތް ގޮތުގެ ތަޖުރިބާއާއި އަދި، އިދިކޮޅުގައި ހޭދަކުރި ފަސް އަހަރުގެ ތަޖުރިބާއާ އެކު، ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ ދެމެހެއްޓޭނެކަމާ މެދު ޝައްކެއް ނުއުފެދެއެވެ.

އޭގެ އިތުރަށް، ޕާޓީގެ ތެރޭގައި އަދި ސަރުކާރުގެ ތެރޭގައި ވެސް 'އެއްބައިވަންތަކަމުގެ' ރޫހެއް އެބައޮތް ކަމަށް މިދިޔަ ފަސް އަހަރު ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަރަކަށް ހުންނެވި އަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ މިހާރު މި ތިބަ މެންބަރުން އެއް ޓީމެއްގެ ގޮތުގައި ގެންގުޅެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމަށް މަރުހަބާކިޔަން ފޮނަދޫގައި ބޭއްވި ޚާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހަމްޒާ

ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބިފައި އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށޭނީ އަންނަ މަހު 28 ގައެވެ.

ނަމަވެސް މަޖިލީހުގެ މި ދައުރު ހިނގާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ، މަޖިލީހުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު މި ދައުރުގެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.

ވިހިވަނަ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަންނަވާނީ އަބްދުއްރަޙީމް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަމަކު، އެ ސުވާލު އަމާޒުކުރުމުން އޭނާ ސީދާ ޖަވާބެއް ނުދެއްވާ ވިދާޅުވީ، އެކަން ނިންމަވާނީ ރައީސް މުއިއްޒު ކަމުގައެވެ.



More from Sun Online