ޕީސީބީގެ ނައިބު ރައީސްގެ މައްސަލައެއް ބަލަނީ

Mon, 29 Apr 2024 06:30 PM

View on this article on Sun Online

ޕީސީބީގެ ނައިބު ރައީސްގެ މައްސަލައެއް ބަލަނީ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒު، ސަރުކާރު ޕާޓީ ޕީއެންސީއަށް ކެމްޕެއިން ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފިއެވެ.



ޕީސީބީގެ ރައީސާއި ނައިބު ރައީސަށް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް ފިރާޒު މިދިޔަ އަހަރު ޕީއެންސީއަށް ސޮއިކޮށްފައި ވާކަން މީގެ ކުރިން ބޭއްވި އެސްއޯއީ ކޮމިޓީއެއްގައި މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ، ދަ ޑިމޮކްރެޓްސްގެ ވިލުފުށި ދާއިރާގެ މެމްބަރު ޙަސަން ޢަފީފެވެ. އަފީފު ހުށަހަޅުއްވާފައި ވަނީ، ފިރާޒު ސިޔާސީ ޕާޓީއެއްގައި ހިމެނިފައި ވޭތޯއާއި، ޕާޓީއަކުން ވަކިވެފައި ވާނަމަ އެންމެ ފަހުން އުޅެފައި ވަނީ ކޮން ސިޔާސީ ޕާޓީއެއްގައިތޯ އާއި ވަކިވީ ކޮން ތާރީޚެއްގައިތޯ އިލެކްޝަންސް ކޮމިޝަން (އީސީ) މެދުވެރިކޮށް ހޯދުމަށެވެ.

މި މައްސަލައަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އިތުރުކުރައްވާފައި ވަނީ، ފިރާޒު ސިޔާސީ ހަރަކާތެއްގައި އަމަލީގޮތުން ބައިވެރިވެފައި ވޭތޯ ބެލުމަށެވެ. އަދި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަލައި އެއްވެސް މީހަކަށް ސިޔާސީ ތާއީދު ހޯދައިދޭން މަސައްކަތް ކުރޭތޯ ބެލުމަށް ވެސް އޭނާ ހުށަހަޅުއްވާފައި ވެއެވެ.

މިއަދުގެ މި ކޮމިޓީގައި މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވީ ކެމްޕެއިން ކުރުމުގެ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ފިރާޒު ހިއްސާކޮށްފައި ވާކަމަށެވެ.

"މިއީ ޕީސީބީގެ ނައިބު ރައީސްގެ ސޯޝަލް މީޑިއާ އެކައުންޓު ކަމުގައި ވާނަމަ އެބޭފުޅާ އެހުރީ އަމަލީގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައި. ދިވެހި ބަހުން ލިޔެފައިވާ ޕޯސްޓެއް މިހާރު ވެސް އެބޭފުޅާގެ ވޯލްގައި އެބައިން، ވަކި ކެންޑިޑޭޓަކަށް ވޯޓު ލާން ބުނެފަ އިން،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެއީ ފިރާޒުގެ އެކައުންޓުތޯ ނުވަތަ ފިރާޒުގެ ނަންމަތީ އެހެން މީހަކު ހަދާފައިވާ އެކައުންޓެއްތޯ ކޮމިޓީން ބަލަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އެސްއޯއީ ކޮމިޓީން ބެލުމަށް ނިންމާފައި ވަނީ، ހަތަރު މެމްބަރުންގެ ވޯޓުންނެވެ.

ފިރާޒަކީ މިދިޔަ ސަރުކާރުން ޕީސީބީއަށް އައްޔަން ކުރި މެމްބަރެކެވެ. ޕީސީބީގައި ދެންތިބި މެމްބަރުންނަކީ މި ސަރުކާރުން އައްޔަން ކުރި މެމްބަރުންނެވެ.



More from Sun Online