ޔޫޕީއާރުގެ 46ވަނަ ވޯކިން ގްރޫޕުގައި ރާއްޖެއިން ބައިވެރިވަނީ

Mon, 29 Apr 2024 04:49 PM

View on this article on Sun Online

ޔޫޕީއާރުގެ 46ވަނަ ވޯކިން ގްރޫޕުގައި ރާއްޖެއިން ބައިވެރިވަނީ

އދ.ގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު)ގެ 46 ވޯކިން ގްރޫޕުގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.



ޔޫޕީއާރުގެ 46 ވަނަ ޖަލްސާ ޖެނީވާގެ ޕެލެއިސް ޑިސް ނޭޝަންސްގައި މިއަދު ވަނީ ފަށައިފައެވެ.

ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މި ސެޝަން ނިމޭނީ އަންނަ މަހުގެ 10ގައެވެ. މި ސެޝަންތަކުގައި ސާދަ ދައުލަތަކުން އެ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ރެކޯޑްތައް ރިވިއު ކުރާނެއެވެ. އެ ގައުމުތަކަކީ އަފްޣާނިސްތާން، ޗިލީ، ކެމްބޯޑިއާ، ކޮމޮރޯސް، ސައިޕްރަސް، ޑޮމިނިކަން ރިޕަބްލިކް، އެރިޓްރިއާ، ނިއުޒީލެންޑް، ނޯތު މެސެޑޯނިއާ، ސްލޮވާކިއާ، އުރުގުއޭ، ވަނޫއަޓޫ، ވިއެޓްނާމް އަދި ޔަމަނެވެ.

ޔޫޕީއާރު ވޯކިން ގްރޫޕުން އަހަރަކު ތިން ޖަލްސާ ބާއްވައެވެ. ޔޫޕީއާރުގެ ހަތަރުވަނަ ސައިކަލް ރިވިއު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެށިއިރު، ނިމޭނީ 2027 ވަނަ އަހަރުގައެވެ. ޔޫޕީއާރުގައި އދ.ގެ ހުރިހާ މެންބަރު ގައުމަކުން ވެސް އެ ބައެއްގެ އިންސާނީ ހައްގުތަކާއި ގުޅޭ ޖުމްލަ ރިވިއުއެއް ދޭންޖެހެއެވެ.

އދ.ގެ މި މެކޭނިޒަމްގެ ސަބަބުން ރިވިއު ކުރެވެމުންދާ ގައުމަތަކަށް އެ ގައުމަކުން އިންސާނީ ޙައްޤުތަކުގެ ވާޖިބުތައް އަދާކުރުމުގައި ލިބިފައިވާ ކުރިއެރުންތައް އިޢުލާންކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ރިވިއު ކުރެވެމުންދާ ދައުލަތްތަކުން އެމީހުންގެ އިންސާނީ ހައްގުތަކުގެ ވާޖިބުތައް ތަންފީޒުކުރުން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތަކާ ބެހޭ ގޮތުން ބިނާކުރަނިވި ލަފާތަކެއް ދިނުމުގެ ފުރުސަތު ވެސް އެކުވެރި މެމްބަރު ގައުމުތަކަށް ލިބެއެވެ.

ކޮންމެ ގައުމެއްގެ ރިވިއުއަކަށް ވެސް ރެޕަޓުއަރުންގެ ގޮތުގައި މަސައްކަތްކުރާ "ޓްރޮއިކާސް"ގެ ނަމުން މަޝްހޫރު ތިން ސްޓޭޓްގެ ގްރޫޕްތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ޔޫޕީއާރުގެ 46 ވަނަ ޖަލްސާގެ ރާއްޖޭގެ ޑެލިގޭޝަންގައި އިސްކޮށް ހުންނަވާނީ ޑރ. ސަލްމާ ރަޝީދެވެ.

ޖެނީވާގައި ހުންނަ އދ.ގެ އޮފީހާއި ބައިނަލްއަގުވާމީ އެހެން ޖަމްޢިއްޔާތަކަށް ރާއްޖޭގެ ޕާމަނަންޓް މިޝަންގައި ޗާޖް ޑި އެފެއާޒުންނަށް ތިއްބަވާނީ ކައުންސެލާ އާދަމް ހާމިދާއި ކައުންސެލާ އައިމިނަތު ޝިފާޔާ އިބްރާހީމެވެ. ސެކަންޑް ސެކްރެޓަރީގެ ގޮތުގައި މަރިޔަމް ފާތިކާ ފަޔާޒު އަދި އެޓޭޗީގެ ގޮތުގައި ރާޢީދު ސަޢީދު ހުންނަވާނެއެވެ.

ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތަށް، ރާއްޖޭގެ ވަފުދުން މި ޔޫޕީއާރު ސެޝަންގައި ހީވާގިކަމާއެކު ބައިވެރިވެ، ބިނާކުރަނިވި ލަފާތަކެއް ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.



More from Sun Online