ސިވިލް ސާވިސްއިން ވަކިވި މުވައްޒަފުންނަށް އާ ފުރުސަތެއް

Mon, 29 Apr 2024 04:17 PM

View on this article on Sun Online

ސިވިލް ސާވިސްއިން ވަކިވި މުވައްޒަފުންނަށް އާ ފުރުސަތެއް

އެކި ސަބަބުތަކާ ހުރެ ޚިދުމަތުން ދުރުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދޭން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.



ޚިދުމަތުން ދުރުވެފައި ތިބި ސިވިލް ސާވިސް މުވައްޒަފުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ވެސް އަލުން ވަޒީފާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު އެގޮތަށް ނިންމަވާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މި ނިންމެވުމާ ގުޅިގެން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމަވާފައެވެ.

މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުމަށް ވެސް ވަނީ ނިންމަވާފައެވެ.

ހަމައެއާ އެކު، އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމުރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހީން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ މީހުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާ އެކު، އެފަދަ މީހުންނަށް ޚާއްޞަ 'ޕޭ ސްޓްރަކްޗާ' އެއް އެކުލަވާލެއްވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ޚާއްޞަކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.

ރައީސް މި ނިންމެވުން ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސާވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުން ހިމެނެއެވެ. އަދި، ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަން ވެސް ހިމެނެއެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސާވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސާވިސްއިން ދެއްވާފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެ ކަންކަމަށް ޙައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ ކުރިން ވަނީ އެކި ސަބަބުތަކާ ހުރެ ޚިދުމަތުން ދުރުވެފައިވާ ސިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް ވެސް އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފައެވެ.



More from Sun Online