އާޓް ސްކޫލެއް އަޅަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި

Mon, 29 Apr 2024 03:38 PM

View on this article on Sun Online

އާޓް ސްކޫލެއް އަޅަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި

އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމުގެ ތެރެއިން ރާއްޖޭގައި ބައިނަލްއަޤުވާމީ އާޓްސް ސްކޫލެއް ތަރައްގީކުރުމަށް ޓަކައި ޝައުގުވެރިކަން ފާޅު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.



އެ މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އާޓް ސްކޫލް ތަރައްގީކުރާނީ މައިގަނޑު ތިން ކަމެއް ފޯކަސްކޮށްގެން ކަމަށެވެ.

އެއީ އާޓްސް ދާއިރާގައި މަސައްކަތް ކުރުމަށް އިތުރު މީހުން އުފައްދައި ހިތްވަރު ދިނުމާއި، ތަމްރީނާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނު ދިނުމާއި، އާންމުންނަށް ހުޅުވާލެވިފައިވާ އިންޓަގްރޭޓެޑް ގެލެރީތަކާއި މިއުޒިއަމްތައް ގާއިމް ކުރުމެވެ.

އެއީ ދާއިރާގައި މަސައްކަތްކުރާ އުފެއްދުންތެރި މީހުންނަށް އެމީހުންގެ މަސައްކަތްތައް އާންމުންނަށް ދައްކާލަން ފުރުސަތު ދީ، ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއުގެ އިންފްރާސްޓްރަކްޗާގެ ތެރެއިން ދަރިވަރުންގެ މެދުގައި ސަޤާފަތް ބަދަލުކުރުމާއި އެއްބާރުލުން ދިނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓަކައި ހޮސްޓެލް އެކޮމޮޑޭޝަންތައް ޤާއިމުކުރާނެ ކަމަށެވެ.

އެ ސްކޫލުގައި ތަފާތު ކޯސްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އޭގެ ތެރޭގައި ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ ވިޝުއަލް އަދި އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ އަދި ޑިޒައިންގެ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަޝްރޫއުގެ ޑިޒައިނާއި، އެ ނޫން ވެސް ގުޅުންހުރި ކަންކަމުގައި ޕްރައިވެޓް ސެކްޓާގެ ޚިޔާލު ހޯދުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މި މަޝްރޫއު ހިންގުމަށް ޝައުގުވެރިކަން ފާޅުނުކުރާ ފަރާތްތަކަށް ވެސް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ހިންގަން ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ޖޫން 30ގެ ކުރިން އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް އެންގޭނެ ކަމަށެވެ.



More from Sun Online