ވަޒީފާ ދިނުން އިންތިޚާބާ ދިމާވީ އިއްތިފާގަކުން: އަދުރޭ

Mon, 29 Apr 2024 12:27 PM

View on this article on Sun Online

ވަޒީފާ ދިނުން އިންތިޚާބާ ދިމާވީ އިއްތިފާގަކުން: އަދުރޭ

ނިމުނު 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބާ ގުޅިގެން އެއްވެސް މީހަކަށް ސަރުކާރުން ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި ބައެއް ވަޒީފާތަކަށް ބޭފުޅުން ނެގުމަކީ 'އިއްތިފާގެއް' ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.



އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ވަޒީފާތައް ބެހި ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

މި ހަފުތާ ބަންދުގައި ލ. ފޮނަދޫގައި ހުންނަވައިގެން 'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަޙީމް ވިދާޅުވީ، މަޖިލީސް އިންތިޚާބު ކުރިމަތިވީ ސަރުކާރަށް ހަތަރު މަހުގައި ކަމަށެވެ. އެހެންވެ، ސަރުކާރު އެކުލަވައިލަން އަލަށް ނަގަންޖެހުނު ވަޒީފާތަކަށް މީހުން ނެގީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ، އިންތިޚާބަށް ނުފޫޒު ފޯރުވުން ނޫން ކަމަށް ވެސް އަބްދުއްރަޙީމް ގަބޫލުކުރައްވައެވެ.

https://sun.mv/191306

"ވަޒީފާ ދީފައި ހުންނާނެ. ވަޒީފާ ދޭން ދިމާވި އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ، ހަތަރު މަސް ދުވަސް ތެރޭގައި އިންތިޚާބެއް މި އައީ. އެހެންވީމާ އެބަ ޖެހޭތާ އަޅުގަނޑުމެންގެ ސިޔާސަތު ގަބޫލުކުރާ ބަޔަކަށް ވެސް ވަޒީފާ ދޭން،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ، މި ސަރުކާރުން ވަޒީފާގައި ހުރި އެއްވެސް މީހަކަށް ބިރު ދައްކާ، ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށެވެ.

"އިންތިޚާބެއް ކުރިމަތިވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ވަޒީފާ ދިނުމަށް އޮތް ހުރަހެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެކަމަކު، ފަހުރުވެރިކަމާ އެކީގައި މިއަދު ވެސް ދަންނަވަނާނަން އިންތިޚާބަށް ނުފޫޒުފޯރުވުމުގެ ގޮތުން މި ސަރުކާރުން އެއްވެސް މުވައްޒަފަކު ވަކި ކޮށްފައެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

"އެ މީހުންނަށް ބިރު ދައްކާ، އެ މީހުން މަގާމު ދަށްކޮށް، އެ ކަހަލަ ކަމެއް ކޮށްފައެއް ނުހުންނާނެ،"

ރައީސްގެ ޙާއްސަ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ: އޭނާ ވިދާޅުވީ، އިންތިޚާބާ ގުޅިގެން ވަޒީފާއަށް މީހުން ނުނަގާ ކަމަށް -- ސަން ފޮޓޯ

އެކަމަކު، ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮންނަ ބާރާއި އިހުތިޔާރުގެ ދަށުން އެ މަނިކުފާނުގެ ސިޔާސަތުތައް ގަބޫލުކުރާނެ މީހުން ސަރުކާރަށް ވައްދަންޖެހޭ ކަމަށާއި އެކަން ކުރިއަށް އޮތްތަނުގައި ވެސް ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެއީ ވަކި އިންތިޚާބަކާ ގުޅިގެން ހިނގާ ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފެނަކައަށް ވެސް އެއްވެސް މުވައްޒަފަކު ނަގާފައެއް ނޯންނާނެ، އިންތިޚާބާ ދިމާކޮށެއް،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެކަމަކު، އަޅުގަނޑު މި ދެންނެވީ ޖުމުލަކޮށް ސަރުކާރެއް އެކުލަވައިލަމުންދާ ދުވަސްވަރާ އިންތިޚާބާ ދިމާވީމާ، އެ ވަޒީފާ ދޭ މީހުންނަކީ އިންތިޚާބާ ގުޅިގެން ވަޒީފާ ދޭ މީހުންނެއް ނޫނޭ އެއީކީއެއް. އެއީ ސަރުކާރެއް އެކުލަވައިލުމުގެ ތެރެއިން ވަޒީފާ ދޭންޖެހޭތީ ދޭ ބައެކޭ،"

ޒުވާނުން މަގުމަތީގައި ބިއްޖެހުމަކީ ރައީސް މުއިއްޒު ބައްލަވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ މަގާމުތައް ދިނީ މި ސަރުކާރުން ނޫން ކަމަށާއި، މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް، މިދިޔަ ސަރުކާރުން ވަޒީފާ ދީފައިހުރި މިންވަރު ހަމައެކަނި ފެނަކައަށް ބަލައިލުމުން ވެސް ފެންނާނެ ކަމަށެވެ.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން މަޝްރޫއުތައް އިއުލާނުކުރުމާއި ވަޒީފާތަކަށް މީހުން ނަގާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. ވޯޓު ގަނެ ވިއްކުމާއި އިންތިޚާބަށް ނުފޫޒު ފޯރުވާ މައްސަލައާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



More from Sun Online