"އަމާޒަކީ އާބާދީއަށް ނުބަލައި، ތައުލީމް ފޯރުކޮށްދިނުން"

Mon, 29 Apr 2024 10:37 AM

View on this article on Sun Online

"އަމާޒަކީ އާބާދީއަށް ނުބަލައި، ތައުލީމް ފޯރުކޮށްދިނުން"

މަސައްކަތް ކުރަމުން އަންނަނީ އާބާދީގެ ކުޑަ ބޮޑު މިނަށް ނުބަލައި، ހުރިހާ ރަށްތަކަކަށް ވެސް ބޭނުންވާ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭތޯ ކަމަށް މަތީ ތައުލީމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.



މަތީ ތައުލީމުގެ ފުރުސަތުތައް މަރުކަޒުވެފައި އޮތުމަކީ އަތޮޅުތެރޭ ދިރިއުޅޭ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

މި ހަފުތާގައި 'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު މާރިޔާ ވިދާޅުވީ، ވަރަށް ގިނަ ޒުވާނުން މަތީ ތައުލީމާއި ތަމުރީނުގެ ފުރުސަތުތައް އެ މީހުން ދިރިއުޅޭ ރަށްރަށުން ފަހިވާން ބޭނުންވާ ކަމަށެވެ. މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ "ކުޑަ ރަށެއް، ބޮޑު ރަށެއް،" ނުބަލައި އެ ފުރުސަތުތައް ފަހިކޮށްދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ވެސް އަޅުގަނޑުމެން ވަރަށް ގިނަ ރަށްރަށުގައި އިލެކްޓްރިކަލް މެއިންޓެނެންސް، ރެފްރިޖެރޭޝަން އަދި ފަހާ ކޯސް ކަހަލަ ކޯސްތައް ވެސް ފަށައިފިން،" ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޚާއްސަކޮށް ފަތުރުވެރިކަން ފުޅާވެފައި އޮތް ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން އެފަދަ ތަމުރީނުގެ ފުރުސަތުތަކަށް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: އޭނާ ވިދާޅުވީ އާބާދީއަށް ނުބަލައި ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް -- ސަން ފޮޓޯ

އެ ވިސްނުމުގެ ތެރެއިން މިހާރު ވެސް، މި ސަރުކާރުގެ ވައުދެއް ކަމަށްވާ 'ފެޝަން ޑިޒައިން އެންޑް ޓެއިލަރިން' ކޯސް ވެސް ނ. މާފަރުގައި ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު ކުރިއަށްދާ އެ ޕްރޮގްރާމްގައި އެ ރަށުގެ 20 އަންހެނުން ބައިވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ މި ކަހަލަ ކުދިކުދި ޝޯޓް ޓާމް ޕްރޮގްރާމްސްތައް ފަށައިފިން ވަރަށް ގިނަ ރަށްރަށުގައި. މަޑުމަޑުން ޕޮލިޓެކްނިކާ ގުޅިގެން ހަމަ މި ކޯސްތައް ކުރިއަށް މި ގެންދަނީ،" މާރިޔާ ވިދާޅުވިއެވެ.

"ކުޑަ ރަށަކަސް ބޮޑު ރަށަކަސް އެ ބޭފުޅުން ބޭނުންވާ ކަހަލަ ޕްރޮގްރާމްތައް އެ ރަށަކަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ،"

އޭނާ ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ޒުވާނުންނާއި އަންހެނުން އަދި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން އެ މީހުން ބޭނުންވާ ކަހަލަ އެކިއެކި ތަމުރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން އެކިއެކި ހިސާބުތަކުގައި ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުތައް ގާއިމުވެ، ކުދި އާބާދީތަކަށް ވެސް މަތީ ތައުލީމާއި ތަމުރީނުގެ ފުރުސަތުތައް ފަހިކޮށްދޭން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



More from Sun Online