ސްކޫލް ބަންދާ ދިމާކޮށް ދަތުރުކުރާއިރު މޫސުން ގޯސްވާނެ

Mon, 29 Apr 2024 10:02 AM

View on this article on Sun Online

ސްކޫލް ބަންދާ ދިމާކޮށް ދަތުރުކުރާއިރު މޫސުން ގޯސްވާނެ

ކުރިޔަށް އޮތް ދެ ހަފްތާއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.



"ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އޭޕްރީލްގެ ފަހު ހަފްތާއިން ފެށިގެން މެއި މަހުގެ ފުރަތަމަ ދެ ހަފްތާއަށް ވެސް ވިއްސާރަ ކުރާނެ ކަމަށެވެ.

އަދި ވިއްސާރަކުރާނީ ރާއްޖޭގެ ދެކުނުން ފެށިގެން މެދުރާއްޖެ ތެރެއަށް، އަދި އެއަށްފަހު އުތުރަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ކުރިޔަށް އޮތް ދެ ހަފްތާއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާއިރު، މެޓުން ބުނެފައިވަނީ ރާއްޖެއަށް ކުރާ ވިއްސާރައިގައި ވައިގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށެވެ.

ސްކޫލް ބަންދާ ދިމާކޮށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާއިރު، ސްކޫލް ބަންދަކީ އަތޮޅުތެރޭން މާލެއަށް، އަދި މާލެއިން އަތޮޅުތެރެއަށް ކަނޑުމަގުން ގިނަ ދަތުރުތަކެއް ކުރާ ދުވަސްވަރެކެވެ.

އޭޕްރީލް މަހުގެ ފަހު ހަފްތާއިން ފެށިގެން ކުރިޔަށް އޮތް ދެ ހަފްތާއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރާއިރު، މި ވަގުތު ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.

އެ ގޮތުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:00އިން މެންދުރު 12:00ގެ ނިޔަލަށް މުޅި ރާއްޖެއަށެވެ. މެޓުން ބުނެފައިވަނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދޭތެރޭގައެވެ.

ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާކޮށްފައެވެ.



More from Sun Online