ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން ހަފުތާއަކު ހަތަރު ދުވަހު އޮފީހުގައި މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފިއެވެ.
އެ އޮފީހުން ނިންމައިފައި ވަނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ މަހުގެ 31ވަނަ ދުވަހާ ހަމައަށް އެ އޮފީހުގެ މުވައްޒަފުން އޮފީހުގައި މަސައްކަތް ކުރާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށެވެ. އަދި ފަސްވަނަ ދުވަހު މަސައްކަތް ކުރާނީ ގޭގައެވެ.
މިކަން އަންގައި ޕީޖީ ހުސައިން ޝަމީމް މިއަދު ވަނީ މުވައްޒަފުންނަށް މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖުގައި ވަނީ، މިފަދައިން މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނައުމުގެ މަގުސަދަކީ ސްކޫލު ޗުއްޓީގައި އާއިލާއާއި ލޯބިވާ މީހުންނާއެކު ގިނަ ވަގުތު ހޭދަކުރުން ކަމަށެވެ.
މިއީ ކުރިން ވެސް ޕީޖީ އޮފީހުން ކަން ކުރާ އުސޫލެކެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހު ވެސް މުވައްޒަފުން މަސައްކަތް ކޮށްފައި ވަނީ މި އުސޫލުގެ ދަށުންނެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިފަދައިން މަސައްކަތް ކުރި ނަމަވެސް އޮފީހުގެ އެއްވެސް މަަސައްކަތަކަށް ބުރުލެއް ނާރާނެއެވެ. އަދި މުވައްޒަފުންގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ކޯޓަށް ހާޒިރުވާންޖެހޭ ވަކީލުން ވެސް ކޯޓަށް ހާޒިރު ވާންޖެހޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ގޭގައި މަސައްކަތް ކުރާ ދުވަހަކީ މުވައްޒަފުންނަށް ބަންދު ދުވަހެއް ނޫންކަމަށެވެ. އަދި މި ދުވަހު މުވައްޒަފުން ގޭގައި ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.