ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ރީނދޫ އެލާޓް

Sun, 28 Apr 2024 06:54 PM

View on this article on Sun Online

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ރީނދޫ އެލާޓް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ރީނދޫ އެލާޓް ނެރެފިއެވެ.



މެޓް އޮފީހުން މިއަދު ނެރުނު ދެ ރީނދޫ އެލާޓެއްގައި ވަނީ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އަދި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ އެލާޓް ނެރެފައެވެ.

މި ދެ އެލާޓު ވެސް ނެރެފައި ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށެވެ. ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އެލާޓު ނެރެފައި ވަނީ، މިރޭ 9:30 އާ ހަމައަށެވެ. އަދި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އެލާޓު ނެރެފައި ވަނީ މިރޭ 10:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭ ވެހުނު ނަމަވެސް އުތުރަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އެހެން ހިސާބުތަކަށް ކަނޑު ގަދަވާނެ ކަމަށެވެ.

ދެކުނުގައި ރާޅުގެ އުސްމިން އުޅެނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.

މާދަމާ ހެނދުނު 06:00އާ ހަމައަށް ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެއެވެ.

މި ދުވަސްވަރަކީ ވިއްސާރަނުކުރާނަމަ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެކެވެ. އަދި ވާރޭ ވެހޭ ނަމަ ބޯކޮށް ވާރޭ ވެހި ގުގުރައެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުނެވެ.

މިއަދު މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައެވެ. އެހެންކަމުން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ވެސް ސިފައިން ވަނީ ފަށާފައެވެ.



More from Sun Online