ޚުތުބާގައި ވަހީބަސްފުޅަކުން ކިޔައިދިނީ މުއުމިނުންގެ ސިފަތައ

Fri, 19 Apr 2024 01:17 PM

View on this article on Sun Online

ޚުތުބާގައި ވަހީބަސްފުޅަކުން ކިޔައިދިނީ މުއުމިނުންގެ ސިފަތައ

ކާމިޔާބުގެ އަހުލުވެރިން ސިފަކުރައްވާ ﷲ ވަހީކުރެއްވި ވަހީބަސްފުޅަކުން، މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް، މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްދީފިއެވެ.



މުއުމިނުންގެ ސިފަތަކުގެ މައްޗަށް ބިނާކޮށް މިއަދުކީ ހުކުރު ޚުތުބާގައި ބުނީ، ކާމިޔާބުގެ އަހުލުވެރިން ސިފަކުރައްވާ ﷲ ބާއްވާލެއްވި ވަހީބަސްފުޅާމެދު މިއަދު އަހަރެމެން ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން، އެ ވަހީބަސްފުޅުގައި ބަޔާންކޮށްދެއްވަފައިވަނީ މުއުމިނުންގެ ސިފަތައް ކަމަށް ޚުތުބާގައި ބުންޏެވެ.

މި ވަހީބަސްފުޅުގައި މުއުމިނުންގެ ފުރަތަމަ ސިފައެއް ކަމުގައި ގެނެސްފައިވަނީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. އެގޮތުން މުއުމިނުންނަކީ ނަމާދުގައި މަޑުމޮޅިވެ، އެ ނަމާދު މާތް ﷲ ޤަބޫލުކުރައްވާނޭކަމުގެ އުންމީދުގައި ތިބެ އެ ކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދު ކުރާ މީހުން ކަމުގައި ޚުތުބާގައި ބުންޏެވެ.

ދެވަނަ ސިފައެއް ކަމުގައި ގެންނަވާފައިވަނީ، ބޭކާރު ވާހަކަތަކާއި ބޭކާރު ކަންތައްތަކުން ދުރުހެލިވުމުގެ ވާހަކައެވެ. އެގޮތުން، މީސްމީޑިއާއާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ހަގީގަތާ ދުރު ކަންކަމުގައި ގިނަ މީހުން މިހާރު މަސްއޫލުވެ އުޅޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

ﷲގެ ވަހީބަސްފުޅުގައި މުއުމިނުންގެ ތިންވަނަ ސިފައެއް ގޮތުގައި އަންގަވާފައިވަނީ މުދަލު ޒަކާތް ދިނުމެވެ. މިއީ އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާ ދެކޮޅަށް މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވި ރުކުނެވެ.

"އެ އާޔަތްތަކުގައި ހަތަރުވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ ވާހަކައެވެ. އެ ގުނަވަނަށް ރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުމެވެ. އަދި، ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައި،" ޚުތުބާގައި ބުންޏެވެ.

އަމާނާތްތަކަށާއި އަހުދަށް ރައްކާތެރިވުމަކީ މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ ތެރެއިން ފަސްވަނަ ސިފައެވެ. ކޮންމެ މީހަކީ ވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫން ކަމަށެވެ.

"އަމާނާތުގެ ވައްތަރުތައް ވަރަށް ވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެ ކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީ ވެސް އަމާނާތެއް،" ޚުތުބާގައި ބުންޏެވެ.

މުއުމިނުންގެ ސިފަތައް ބަޔާންކުރައްވާ ﷲ ވަހީކުރެއްވި ބަސްފުޅުގައި މުއުމިނުންގެ ހަވަނަ ސިފައެއްގެ ގޮތުގައި ވަނީ ނަމާދުގެ ވާހަކަ ތަކުރާރުކޮށްފައެވެ. އެގޮތުން މި ވަހީބަސްފުޅުގައި ނަމާދުގެ ވާހަކަ ތަކުރާރުވުމުން އެނގެނީ ނަމާދަށް ދެވިފައިވާ އަހަންމިއްޔަތުކަން ކަމަށް ޚުތުބާގައި ބުންޏެވެ.

މި ހަ ކަމަށް ރައްކާތެރިވެއްޖެ މީހަކީ ފަލާހާއި ކާމިޔާބުލިބިއްޖެ މީހާކަމަށް ޚުތުބާގައި ބުންޏެވެ. އެއީ، ސުވަރުގޭގެ އަހުލުވެރިން ކަމަށާއި ސުވަރުގޭގައި އަބަދުގެ އަބަދަށް ދެމިތިބޭނެ ޖަންނަތުލް ފިރުދައުސްގެ އަހުލުވެރިން ކަމަށް ޚުތުބާގައި ބުންޏެވެ.



More from Sun Online