ބާރުވެރިންނަށް ހަދައިދިނުމުން ހަރާލީ ޚަންޖަރު: ޔާމީން

Thu, 18 Apr 2024 11:02 PM

View on this article on Sun Online

ބާރުވެރިންނަށް ހަދައިދިނުމުން ހަރާލީ ޚަންޖަރު: ޔާމީން

އެ މަނިކުފާނުގެ އަރިހުގައި ގެންގުޅުއްވައި، އިސް މަގާމުތަކާއި ހަަމައަށް ބޭފުޅުން ގެންދަވައި ސިޔާސީ ގޮތުން ބާރުވެރިކޮށްދެއްވުމުން މިއަދު އެ މަނިކުފާނުގެ ބުރަކައްޓަށް ކުރިން ވަފާތެރިންގެ ނަމުގައި ތިއްބެވި ބައެއް ބޭފުޅުން ހަރާލީ ޚަންޖަރު ކަމަށާއި، މިއަދު ތަޙައްމަލުކުރައްވަމުން އަންނަނީ އެ ކަމުގެ ވޭންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެއެވެ.



ހުކުމުން މިނިވަންވެ ވަޑައިގަތުމަށްފަހު އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް މިރޭ ވަނީ ޕީއެންއެފް އޮފީހަށް ވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ފަދަ ކަމެއްް ކުރާނެ ކަމަށް އެއްވެސް ބަޔަކު ހީނުކުރާ ކަމަށެވެ.

'... އަޅުގަނޑާ އެކީ އުޅުނު މީހުން ދެން އަޅުގަނޑު ގަޔަށް ޚަންޖަރު ހެރީމަ އެ މީހުން ހެއްޔޭ ބޮޑު ކުށެެއް އެ ކުރީ. އަޅުގަނޑު ބާރުގައި ހުރެ ވެރިކަމުގައި ހުއްޓައި ވަކިކުރި، އެ މީހުން ހެއްޔޭ ބޮޑު ގޯހެއް އެ ހެދީ،" ޔާމީން ސުވާލު ކުރެެއްވިއެވެ.

އެއާއެކު އެ މަނިކުފާނުވަނީ މީގެ ކުރިން އެ މަނިކުފާނުގެ އިޚުލާސްތެރިންގެ ގޮތުގައި ވަފާތެރިކަން އިސްކޮށްގެން ތިބި މީހުންނާއި މިއަދު އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފައްދަވައިފައެވެ.

އެގޮތުން މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދުގެ ނަންފުޅު ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ އެ ބޭފުޅުންނަށް މިއަދު ރައީސް ޔާމީނަށް އިޚްލާސްތެރިވީކަމަށް ދެންނެވެން ނޯންނާނެކަމަށް ވިދާޅުވެފައެވެ.

"ކިތަންމެ އުނދަގޫ ހުވަފެނަކުން ވެސް އެ ބޭފުޅުން ދެކޭނެތޯއޭ ރައީސް ޔާމީން ހަމަ އެނބުރިލާއިރަށް، ހަމަ ރައީސް ޔާމީނުގެ ބުރަކައްޓަށް، [އޯޑިއަންސަށް ނިސްބަތްކޮށް] މައިޒަރު މި ތަނުގެ ފެންވަރު ރަނގަޅު ހިސާބަކަށް އާދެވުނީމާ، ޚަންޖަރު ޖެހީމާ އެކަން ގަބޫލުކުރެއްވޭނެތޯ. ނުކުރެއްވޭނެ ދެއްތޯ. އެ ހާޓް އަޅުގަނޑުގެ މިހާރު މި އޮތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

މިރޭ އެ ހުކުމް ބާތިލްކުރުމާއެކު އެ މަނިކުފާނު ވަނީ މިނިވަންވެވަޑައިގެންފައެވެ.



More from Sun Online