ނަޝީދު ދެއްވީ ބޮޑުތަކުރުފާނު ވިޔަޒޯރަށް ދެއްވި ރައްދު

Thu, 08 Jun 2023 08:43 PM

View on this article on Sun Online

ނަޝީދު ދެއްވީ ބޮޑުތަކުރުފާނު ވިޔަޒޯރަށް ދެއްވި ރައްދު

އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުޅުއްވާތީ ދެއްވަން އޮތީ، އަނދިރިއަނދިރިން، ވިޔަޒޯރަށް ބޮޑުތަކުރުފާނުގެ ބޯ ކަނޑައިލަން އެންގުމުން ބޮޑުތަކުރުފާނު ދެއްވި ރައްދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދަށް އިތުބާރު ނެތް ކަމަށް ބުނެ 54 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައެވެ. އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރެއްގެ ހައިސިއްޔަތުން އެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އެ ކަމަށް އިޝާރާތް ކުރައްވާ، ދަ ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގުރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މަނިކުފާނު، އަސްލަމަށް ދެއްވަން އޮތީ އަނދިރިއަނދިރިން، ވިޔަޒޯރަށް ބޮޑު ތަކުރުފާނުގެ ބޯ ކަނޑައިލަން އެންގުމުން ބޮޑު ތަކުރުފާނު ދެއްވި ރައްދު ކަމަށެވެ.

އެގޮތުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަނދިރިއަނދިރިން، ބޮޑު ތަކުރުފާނުގެ ބޯ ކަނޑައިލަން ވިޔަޒޯރަށް އެންގުމުން، ވިޔަޒޯރު އެކަން ބޮޑު ތަކުރުފާނު ގާތު ދެންނެވުމުން ވިދާޅުވީ، "ކަނޑުއްވާނެ އާދެ އޭ އެބަ ދުވަސް، ކަނޑުން ކާށިދޫ ކުރެވި ދާއިރު ހުރަސް. ވެނދުންކޮށް ދެވޭއިރު މި އަޅުގަނޑުގެ ބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް،" އެހެންނެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވެސް އަސްލަމް ގާތުގައި ދަންނަވަން ބޭނުންވަނީ އެފަދައިން ކަމަށެވެ.

"އަޅުގަނޑަށް ވެސް އަސްލަމް އަރިހު ހަމަ ދެންނެވޭނީ، ވެދުންކޮށް ހެދޭއިރު އަޅުގަނޑުގެ މި ބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް،" ނަޝީދު ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް 54 މެންބަރުންގެ ސޮޔާ އެކު ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި އެމްޑީޕީގެ ފަސް މެންބަރަކު ސޮއި ނުކުރައްވައެވެ. އެއީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަދި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. ސަރުކާރުން މިއަދު ހާމަކުރި ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ވެސް މަޝްވަރާ ކުރުމަށް ފަހުގައެވެ.



More from Sun Online