ރާއްޖޭގެ ފުރަތަމަ އިންޓަނެޓް ގަވަނަންސް ފޯރަމް ބާއްވަނީ

Thu, 08 Jun 2023 05:58 PM

View on this article on Sun Online

ރާއްޖޭގެ ފުރަތަމަ އިންޓަނެޓް ގަވަނަންސް ފޯރަމް ބާއްވަނީ

ދިވެހިރާއްޖޭގެ ފުރަތަމަ އިންޓަނެޓް ގަވަނެންސް ފޯރަމް (އައިޖީއެފް) މިމަހުގެ 16 އަދި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެ ފޯރަމްގެ ސެޝަންތައް ބާއްވަން ހަމަޖެހިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މެއިން ކެމްޕަސްގައެވެ. އަދި އެ ސެޝަންތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މޯލްޑިވްސް އިންޓަނެޓް ގަވަނެންސް ފޯރަމްއަކީ އިންޓަނެޓް ހިންގުމާއި އިންޓަނެޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކި ފަންތީގެ މީހުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަގްސަދުގައި ބާއްވާ ފޯރަމްއެކެވެ.

މި ފޯރަމް މެދުވެރިކޮށް އެކި ފަންނުތަކުގެ މީހުންގެ ޚިޔާލު ބަދަލަކޮށް އެކުގައި މަސައްކަތްކުރުމާއި އައު ޚިޔާލާއި އީޖާދު ކުރުމަށް މަޝްވަރާކުރާނެ ފުރުސަތު ލިބޭނެއެވެ. އެކި ގައުމުތަކުގައި މި ފޯރަމް ބާއްވަނީ ގްލޯބަލް އިންޓަނެޓް ގަވަނެންސް ފޯރަމްގެ އިރުޝާދުގެ ދަށުން އެގައުމަކަށް ޚާއްސަ އެކި ދާއިރާތައް ހިމެނޭހެން އެކުލަވާލެވިފައިވާ ޓީމަކުންނެވެ.

"މޯލްޑިވްސް އައިޖީއެފް 2023"ގެ ތީމްތަކަކީ:

  1. ޑިޖިޓަލް ޑިވައިޑް ކުޑަކުރުން: އިންޓަނެޓުން ގެނުވާ ބައިބައިވުން ކުޑަކުރުމާއި, އިންޓަނެޓްގެ އަގާއި އިންޓަނެޓް ލިބޭ ހިސާބުތަކާއި މިންވަރު އަދި ޑިޖިޓަލް ޑިވައިޑް ކުޑަކޮށް އިންޓަނެޓަކީ އެންމެންނަށް ހަމަހަމަ އެއްޗަކަށް ހެދުމަށް މަސައްކަތްކުރުން
  2. ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ފްރީޑަމް އޮފް އެކްސްޕްރެޝަން: އިންޓަނެޓް ކަނޑާލުމާއި ސެންސަރު ކުރުމާއި ދޮގު މައުލޫމާތު ފެތުރުމާ ގުޅޭ މައްސަލަތަކާއި ވަކި ޖިންސަކަށް އަމާޒުކޮށްގެން އޮންލައިންކޮށް ކުރާ ފުރައްސާރަތައް ހުއްޓުވުމާއި ހުރިހާ އެންމެންނަށްވެސް ބައިވެރި ވެވޭ ރައްކާތެރި އެއްޗެއްގެ ގޮތުގައި އިންޓަނެޓް ހެދުން.
  3. ޑޭޓާ އަދި މައުލޫމާތު ބެލެހެއްޓުމާއި ގެންގުޅުން ހަރުދަނާކުރުން: އަމިއްލަ ފަރުދުންނާއި ޖަމާއަތްތަކުން އެބައެއްގެ ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ޑޭޓާ ގަވަނަންސް, އޯޕެން ޑޭޓާ އަދި މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ގެންގުޅުމާއި ސުލޫކީ މިންގަޑުގައި ހިފެހެއްޓުން
  4. އީޖާދީ އައު ޓެކްނޮޮލޮޖީތައް: އާޓިފިޝަލް އިންޓެލިޖެންސް, ސްމާޓްސިޓީ, ކްލައުޑް ޓެކްނޮލޮޖީސް, އަދި ބްލޮކް ޗެއިން ފަދަ އިމާޖިން ޓެކްނޮލޮޖީތަކުގެ ބޭނުންކޮށްގެން މުޖުތަމައުއަށް ރައްކާތެރި ގޮތެއްގައި ފައިދާ ހޯދުން.
  5. ޑިޖިޓަލް އިކޮނޮމީއަކަށް ބިނާ ކުރުމަށް ޖާގަދިނުން: ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވާ އިގްތިސާދެއް ބިނާކުރުމާއި ޑިޖިޓަލް އައިޑެންޓިޓީ, ޕޭމެންޓް ސިސްޓަމް އަދި ފިންޓެކްގެ ދާއިރާއާއި ރިސާޗުކުރުމާއި ވިޔަފާރިކުރުމާއި އައު އީޖާދުތައް އުފެއްދުން.
  6. ސައިބާ ވެށީގެ ރައްކާތެރިކަމާއި ރެސިލިއެންސް: ޕްރައިވެޓް ސެކްޓާ އާއި ސަރުކާރު ގުޅިގެން އޮންލައިންކޮށް ރައްކާތެރި ވުމާއި, މެލްވެއާ ތްރެޓްސް, ރެންސަމްވެއާ, ސްކޭމްތަކުން ރައްކާތެރިވުން

އައިޖީއެފްގައި ސެޝަންތައް ބާއްވަން ޝައުގުވެރިވާ ފަރާތްތަކަށާއި ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތު އައިޖީއެފްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.



More from Sun Online