އެމްޑީޕީ ހަރުގޭގެ ވެރިފަރާތުން ބަދަލު ހޯދަން ކޯޓަށް ދަނީ

Mon, 29 May 2023 06:17 PM

View on this article on Sun Online

އެމްޑީޕީ ހަރުގޭގެ ވެރިފަރާތުން ބަދަލު ހޯދަން ކޯޓަށް ދަނީ

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން ދިން މުއްދަތުގައި ހުސްނުކުރި މައްސަލައިގައި ބިމުގެ ވެރިފަރާތް އަދި އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރުއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން އޭނާ ނިންމައިފިއެވެ.

އެމްޑީޕީ ޖަގަހަ ހުރި ތަނުގެ ކުރިމަތީގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަފިއްޔާ ވިދާޅުވީ، އެ ބިމުގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ހައުސިން މިނިސްޓްރީން ހުއްދަ ދީފައި ވާކަމަށެވެ. އަދި އެ އިމާރާތް ކުރުމަށް ގިނަ އަދަދެއްގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ މީހުން (އިންވެސްޓަރުން) ގުޅާއިރު މިތަން މި ހުންނަނީ މި ރާއްޖޭގައި ހުރި ވެރިކަން ކުރާ ޕާޓީއަށް ކުއްޔަށް ދީފަ. އެހެންވީމަ ވަރަށް ބޮޑަށް އެމީހުން ޖެހިލުންވޭ ކޮމިޓްމަންޓެއް ދޭން،" އޭނާ ވިދާޅުވިއެވެ.

ޝަފިއްޔާ ވިދާޅުވީ، އެމްޑީޕީ ޖަގަހަ ހުސްކުރަން ފުރަތަމަ ސިޓީއަކުން އެދުނީ މާޗު 30 އަށް ކަމަށެވެ. އެ ސިޓީއަށް ޖަވާބެއް ނުލިބި އޮއްވައި މިދިޔަ މަހުގެ 26ގައި އެމްޑީޕީން ފޮނުވި ސިޓީގައި ވަނީ ޖުލައި މަހުގެ ނިޔަލަށް ޖަގަހަ ހުސްކުރަން ފުރުސަތު ދޭން އެދުނެވެ.

ޝަފިއްޔާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އޭނާގެ ބިން ކުއްޔަށް ދީފައި ހުރުމަކީ ދިރިއުޅުމަށް އެޅޭ ބޮޑު ހުރަހަކަށް ވެެއްޖެއެވެ.

"އަޅުގަނޑު މިތަން އިމާރާތް ކުރުމަށް އެމްޑީޕީގެ އިސް ބޭފުޅުންނާ މަށްވަރާ ވެސް ކުރިން. އެ ބޭފުޅުންނަށް ދައުވަތު އެރުވިން އަޅުގަނޑުމެނަށް އިންވެސްޓު ކުރައްވަން. އެ ބޭފުޅުންގެ އެއްވެސް އިންޓެރެސްޓެއް ނެތް." ޝަފިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީގެ މައްޗަށް ދައުވާ ކުރާނީ ލިބިފައިވާ ގެއްލުން އަނބުރާ ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅުވައި، އެމްޑީޕީން ބަރާބަރަށް ކުލި ދައްކާތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ކުލި ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއްލުމުގެ ބަދަލު ހޯދަން ޝަފިއްޔާ މަސައްކަތް ކުރަން ނިންމާފައިވާއިރު، އެމްޑީޕީން ވަނީ ހަރުގެ ހުސްކުރަން އެންގި މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.



More from Sun Online