ނައީމާ މަރައިލަން ބޭނުންކުރި ހަތިޔާރު ހޯދައިފި

Fri, 26 May 2023 08:35 PM

View on this article on Sun Online

ނައީމާ މަރައިލަން ބޭނުންކުރި ހަތިޔާރު ހޯދައިފި

ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރައިލަން ބޭނުންކުރި ދެ ހަތިޔާރާއި ގާތިލުން ލައިގެން ތިބި އަންނައުނު ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެ މަރުގެ ތަހުގީގަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ނައީމާ މަރައިލަން ބޭނުންކުރި ދެ ތޫނު ހަތިޔާރާއި ގާތިލުން ލީ ކަމަށް ބެލެވޭ އަންނައުނު ވެސް މިހާރު ހޯދާފައިވާ ކަމަށެވެ.

މިގޮތުން، ގާތިލުން ނައީމާ މަރައިލި ވަގުތު ލައިގެން ތިބި ކަމަށް ބުނާ އަންނައުނު ހުރީ ވަޅުގަނޑެއްގައި އަންދާލުމަށް ފަހު، ފަސް އަޅައި ފޮރުވާފައެވެ. ފުލުހުން އެ ތަކެތި ހޯދާފައިވަނީ އެ ތަން ހޯދައި، ކޮނެގެންނެވެ.

އެ މައްސަލައިގައި ފުލުހުން މިހާރު ވަނީ ދެ ދިވެހި ޒުވާނުން ހައްޔަރު ކޮށްފައެވެ.

ނައީމާ ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން އެ މަހުގެ ހަތްވަނަ ދުވަހުއެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާ އެކުއެވެ.

މީގެ ކުރިން މި ވަރުގެ ހާދިސާއެއް ހިނގާފައިނުވާ މަނަދޫއަށް ވަނީ ނައީމާގެ މަރާ އެކު ބޮޑު ސިހުމެއް ގެނުވައިފައެވެ. އަދި، އެ މަރުގެ ތަހުގީގަށް އެ ރަށުން ގިނަ ބައެއްގެ ފިންގާޕްރިންޓާއި ޑީއެންއޭ ވެސް ފުލުހުން ވަނީ ނަގައިފައެވެ.

ނައީމާގެ މަރާ ގުޅޭ ގޮތުން ތަފާތު ތުހުމަތުތައް ރަށު މީހުން ކުރެއެވެ. އެކަމަކު، ރަސްމީ ހައިސިއްޔަތުން ފުލުހުން އަދި އެ މަރާ ބެހޭ މާ ގިނަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.



More from Sun Online