ޓޫރިޒަމްގެ މިސްރާބު އެބަ ރަނގަޅުވޭ، 85 ޕަސެންޓް ޓްރެފިކް ލިބިއްޖެ: ޓީއެމްއޭ

Thu, 05 Aug 2021 04:20 PM

View on this article on Hurihaa.mv

ޓޫރިޒަމްގެ މިސްރާބު އެބަ ރަނގަޅުވޭ، 85 ޕަސެންޓް ޓްރެފިކް ލިބިއްޖެ: ޓީއެމްއޭ

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަޑުމަޑުން އިތުރުވެ، ޓޫރިޒަމްގެ މިސްރާބު އެބަ ރަނގަޅުވާ ކަމަށާއި، ކޮވިޑްގެ ކުރީގެ ޓްރެފިކްގެ 85 ޕަސެންޓް އަނބުރާ ލިބިއްޖެ ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އޭޔޫއެމް ފައުޒީ "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވާން ފެށުމުން އެ ކުންފުނީގެ އޮޕަރޭޝަން ވެސް އާދައިގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ކުރީގެ ޓްރެފިކްގެ 85 ޕަސެންޓް ހާސިލްވީ ވަރަށް ބުރަ މަސައްކަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ރަނގަޅަށްދާ ކަމަށްވަންޏާ ޓޫރިޒަމްގެ ހާލަތު ވެސް ރަނގަޅުވާނެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް މީހުން ޗުއްޓީ ޕްލޭންކޮށް ތިއްބާ އާ ވޭރިއަންޓެއް ކުއްލިއަކަށް ފެތުރި ގައުމުތައް ބަންދުކުރަން ޖެހޭ،" ފައުޒީ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތްދޭ ކުންފުނީގެ ސީއީއޯ ވިދާޅުވީ އެ ކުންފުނީގެ ބޯޓުތައް މިހާރު 80 ރިސޯޓަށް ކޮންމެ ދުވަހަކު ދަތުރުކުރާ ކަމަށެވެ. އަދި މިހާރު ބައެއް ދުވަސްތަކުގައި 3،000 އެއްހާ ޓޫރިސްޓުން އެކި ރިސޯޓްތަކަށް އުފުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި ދުނިޔެ އަލުން ހުޅުވާލައިފި ނަމަ ޓްރެފިކް މިއަށްވުރެ ރަނގަޅުވާނެ ކަމަށް ބެލެވޭ. ނަމަވެސް އޭރުން ޓޫރިސްޓުން ހުރިހާ މަންޒިލަކަށް ވެސް ދަތުރުކުރަން ފަށާނެ. އެކަމަކު ރާއްޖެ އަންނަ އަދަދު ވެސް އިތުރުވާނެ،" ފައުޒީ ވިދާޅުވި އެވެ.

ޓީއެމްއޭގެ އޮޕަރޭޝަންގައި މިވަގުތު 57 ބޯޓު ބޭނުންކުރެ އެވެ.

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް ގްރޫޕް އިންކޯޕަރޭޓެޑް މިދިޔަ މަހު ވަނީ ވިއްކާލައިފަ އެވެ.

ކާލައިލްސްއާއެކު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަނެފައި ވަނީ ހެޖް ފަންޑް މެނޭޖަރުން ކަމަށްވާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް އަދި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓް ހިމެނެ ގޮތަށެވެ. ނަމަވެސް އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުންގެ ގޮތުގައި އަދިވެސް ބައިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕަސް ގްރޫޕް ވެސް ހިމެނޭ ކަމަށް އެނގިފައިވާ ކަމަށް ނަސްދަގު ވެބްސައިޓްގައި ބުނެފައިވެ އެވެ.

ކާލައިލްއާ ހަވާލާދީ ބުނެފައި ވަނީ ހިއްސާދާރުން ބަދަލުވި ނަމަވެސް ކުންފުނީގެ މެނޭޖްމަންޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް ކުންފުނީގެ ބޯޑު އަލުން އެކުލަވާލިއިރު، ޓީއެމްއޭގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ލާސް އެރިކް ނެލްސަން ބޯޑުގައި ހުންނަވާނެ ކަމަށެވެ.

ބައިން ކެޕިޓަލް އަށް 2017 ވަނަ އަހަރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕުން ވިއްކާލީ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގަ އެވެ.