ސައުދީ އަރަބިއާގައި ވެކްސިން ނުޖަހާ މީހުން އާއްމު ތަންތަނުގައި އުޅުން މަނާކުރަނީ

Thu, 22 Jul 2021 06:09 AM

View on this article on Hurihaa.mv

ސައުދީ އަރަބިއާގައި ވެކްސިން ނުޖަހާ މީހުން އާއްމު ތަންތަނުގައި އުޅުން މަނާކުރަނީ

ރިޔާދު (21 ޖުލައި) - ސައޫދީ އަރަބިއާގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އެ ގައުމުގެ އާއްމު ތަންތަނަށް ނުކުމެ އުޅުން މަނާކުރަން ނިންމައިފި އެވެ.

ސައޫދީގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާސްއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުން އެ ގައުމުގެ މޯލްތަކާއި ރެސްޓޯރެންޓްތައް ފަދަ އާއްމު ތަންތަނަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އެގޮތުން މިފަދަ ތަންތަނަށް ވަންނަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާކަން އަންގައިދޭ ވެކްސިން ކާޑު ނުވަތަ ލިޔުމެއް ހުށައަޅަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ކޮވިޑް -19 ހުއްޓުވަން ސަރުކާރުންކުރާ މަސައްކަތުގެ ދަށުން އާއްމު ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެތަންތަނުން ޚިދުމަތް ހޯދާ ކަސްޓަމަރުން ވެސް ވެކްސިން ޖަހާފައި ހުންނަންވާނެ،" އެ މިނިސްޓްރީގެ ޓުވީޓެއްގައިވެ އެވެ.

މި ހަފްތާގެ ކުރީކޮޅު ސައޫދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ އެ ގައުމުން ބޭރަށް ދަތުރުކުރަން ބޭނުންވާ ރައްޔިތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރަން ޖެހޭނެ ކަމަށް އިއުލާން ކޮށްފަ އެވެ.

މި ނިންމުމަކީ އެ ގައުމުގައި ކޮވިޑްގެ އާ ވޭރިއަންޓްތައް ފެތުރިދާނެކަމުގެ ބިރު ހީވެފައި އޮތް ދަނޑިވަޅެއްގައި ސަރުކާރުން އިއުލާނު ކުރި ނިންމުމެކެވެ.

ސައޫދީ އަރަބިއާގައި މިހާތަނަށް 512،142 ކޮވިޑް ކޭސް ފެނިފައިވާ އިރު، އޭގެ ތެރެއިން 10،799 ކޭސްއަކީ މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ކޭސްތަކެވެ. -- އަލް އަރަބިއްޔާ