އިބޫ/މޯދީ - އަންނި/ޔާމީން : މިކޯލިޝަންތައް ކިހިނެއް؟

Thu, 22 Jul 2021 06:57 AM

View on this article on Hurihaa.mv

އިބޫ/މޯދީ - އަންނި/ޔާމީން : މިކޯލިޝަންތައް ކިހިނެއް؟

ކޯލިޝަނުން ސަރުކާރު ނުހިންގޭނެ ކަމަށް ވަކާލާތު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު، ވަރުގަދަ ކޯލިޝަނެއްގެ ވާހަކަ ދެއްކެވުމުން ބަޔަކު އެކަމާ މާބޮޑު އަޅާލުމެއް ނުލި ކަމުގައި ވިޔަސް އެ ވިދާޅުވާ ކޯލިޝަންގެ ހިސާބު ޖަހާލަން އެބަ ޖެހެ އެވެ. މިހާރު ހިނގަމުން މިދާ ސަރުކާރާ އެކު "ދެން ކެތް ނުކުރެވޭނެ" ކަމުގައި ވިދާޅުވަމުން، ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވުމަށް މުޅިން އާ ކޯލިޝަނެއް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުން އެކި މީހުން އެކި ގޮތަށް މާނަ ކޮށްފާނެ އެވެ.

ނަމަވެސް ފާއިތުވެ ދިޔަ ތަނުގައި އެމަނިކުފާނު ދައްކަވާފައިހުރި ވާހަކަފުޅުތަކާއި އެ ވާހަކަފުޅުތަކާ ގުޅިގެން ދެން އަމަލު ކުރައްވާ ގޮތަށް ބަލާއިރު މިހާރު މި ދައްކަވާ ވާހަކަފުޅަކީ ކޮން ބޭނުމެއްގައި ކީއްކުރައްވަން ދައްކަވާ ވާހަކަފުޅެއްކަން ދަނެގަންނާކަށް މާބޮޑު ހިސާބެއް ޖަހައި ވިޔައެއް ކުރާކަށް ނުޖެހެ އެވެ.

ކުރީގެ ރައީސް ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު

ޖަލު ހުކުމެއްގައި ހުންނަވައިގެން ރައީސްކަމަށް ކެމްޕޭން ކުރައްވަމުން ވަޑައިގަންނަވަނިކޮށް ދެން އެއްގޮތެއް ވެސް ނެތިގެން ވެރިކަމުގެ ގޮނޑިއާ ފެޔަށް ޖެހި ވަޑައި ގެންނެވި ކަމަށް ވިޔަސް ރައީސް ނަޝީދަށް ވެރިކަމުގެ ޖާހާއި އާރާއި ބާރާ ދުރުގައި ހުންނަވަން ފަސޭހަފުޅު ނޫންކަން މިހާރުގެ ސަރުކާރު އުފަންވީއްސުރެ އެމަނިކުފާނު ގެންދެވީ ދައްކަވަމުންނެވެ. ހަމަ އެފަދައިން ރައީސްކަމުގެ ގޮނޑިއަކީ ވަރަށް އަރާމު، އިށީނދެވިއްޖެ މީހަކަށް ތެދުވާން އެހާ ފަސޭހަ ގޮނޑިއެއް ނޫން ކަމުން ކޮންމެފަދަ ހައިސިއްޔަތަކުން ލިބި ވަޑައިގެންނެވި ކަމަށް ވިޔަސް ވެރިކަމުގެ ގޮނޑި ދޫކޮށްލައްވަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ބޭނުންފުޅެއް ނުވެ އެވެ.

ދެން ދުރުގައި ނުހުރެވޭނެޔޭ، ވެރިކަން ކުރަން ބޭނުމޭ، ބޮޑުވަޒީރުކަން ލިބޭނެ ގޮތް ހައްދަވާ ދެއްވާށޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައީސް ސޯލިހު އަޅުއްވައި ނުލެއްވީ އެހާ ފަސޭހައިން ވެރިކަމުގެ އާރާއި ބާރު ދޫކޮށްލައްވަން އެ މަނިކުފާނު ވެސް ބޭނުންފުޅު ވެވަޑައި ނުގަންނަވާތީ އެވެ. އެހެންކަމުން ކުރީގެ ވާހަކައިގެ ރާގު ބަދަލުކުރައްވައި، ދެން ފުދިއްޖެޔޭ ރައީސް ސާލިހާއެކު ދެން ސިޔާސީ މަސައްކަތް ނުކުރެވޭނެޔޭ ވިދާޅުވެ ވެރިކަމާ ދިމާޔަށް ވަޑައިގެންނެވޭނެ އާ މަގެއް ކޮށްޓަވަން ނަޝީދަށް މިވަނީ ޖެހިވަޑައިގެންފަ އެވެ. އެމަގު ކޮށުމުގައި ބައިވެރިޔަކަށް ކުރީގެ ރައީސް ޔާމީނަށް ވުރެ އެކަށޭނަ ބޭފުޅަކު ހުރި ކަމަކަށް ނުވެ އެވެ.

ވެރިކަމާ ދިމާޔަށް އޮތް ދަތުރުގައި ނަޝީދަށް ފެނިވަޑައިގަންނަވާ އެންމެ ޔަގީން ފާލަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށްލުމެވެ. ނިޒާމު ބަދަލު ކުރުމުގެ ވާހަކައަށް ވެސް ރައީސް ސޯލިހު ދެއްވީ ބީރު ކަންފަތެކެވެ. އެހެންކަމުން ދަތުރުގެ ބައިވެރިޔަކަށް ރައީސް ޔާމީން ހޮވުމަކީ މިވަގުތަށް އޮތް އެންމެ ބުއްދިވެރި ގޮތް ކަމަށް ވެސް ރައީސް ނަޝީދަށް ވިސްނި ވަޑައިގަންނަވަނީ ސަބަބުތަކެއް ވެސް އޮވެގެންނެވެ. ރައީސް ޔާމީނަކީ ނިޒާމީ ވޯޓުގައި ބަރުލަމާނީ ވެރިކަމަކަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ރައީސް ނަޝީދު ޖަލުގައި ހުންނަވަނިކޮށް ކާކުކަން ނޭނގޭ މީހަކު ދިންކަމަށް ބުނާ ލިޔުމާއި ގާނޫނު އަސާސީ އިސްލާހުކުރުމަށް އެމްޑީޕީގެ މެމްބަރުން ހެދި ޑީލްތަކުގެ މަތިން ވިސްނާލުމުން ރައީސް ޔާމީނާއެކު ވެސް އެފަދަ ޑީލެއް ހެދިދާނެ ކަމުގައި ރައީސް ނަޝީދަށް ވިސްނުނީ އެވެ.

ރައީސް ނަޝީދުގެ އާ ކޯލިލިޝަންގެ ޚިޔާލަށް ޕީޕީއެމުން ލިބުނީ އެހާ އެދެވޭ ޖަވާބެއް ނޫނެވެ. އެ މަނިކުފާނުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވެސް އަދި ޕީޕީއެމްގެ އިސް ވެރިން ވެސް ފާޅުގައި އެ ޚިޔާލާ ދެކޮޅު ހެއްދެވި އެވެ. އެބޭފުޅުން ވިދާޅުވާ ގޮތުން ނަމަ ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ އެވެ. އެހެންކަމުން ވެރިކަމަށް ވަޑައިގެންނެވުމަށް ނަޝީދަށް އޮތް މަގު ވަރަށް ހަނިވެއްޖެ ކަމަށް ފެނެ އެވެ.

ރައީސް ނަޝީދު ވެރިކަމާ ދިމާޔަށް ކުޅިބައި ރާއްވަވަމުން ގެންދަވާއިރު ރައީސް ސޯލިހު ވެސް ގެންދަވަނީ އެމަނިކުފާނުގެ ވެރިކަން އިތުރު ފަސް އަހަރަކަށް ދަންމަވައިލެއްވުމަށް މަގު ފަހިކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ކޯލިޝަން އޮތް ގޮތަށް ދެމި އޮތުމުގެ ފުރުސަތު ދެއްވަމުން ސަރުކާރުގެ މައި ބަދަ ކަމުގައިވާ އިންޑިއާ ރުއްސުވުމުގެ މަސައްކަތް ގެންދަވަނީ ބާރަށް ކުރައްވަމުންނެވެ.

ރާއްޖޭގެ މިއަދުގެ ސިޔާސީ ހާލަތަށް ބަލާއިރު ރާއްޖޭގެ ވެރިކަން ހޯދަން ބޭނުން މީހަކު ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އިންޑިއާ ރުއްސުމެވެ. އިންޑިއާ ބޭނުންނުވާ ސަރުކާރަކަށް ދެން ރާއްޖޭގައި ވެރިކަން ކުރެވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. މިހާރު މި އޮތް ވެރިކަމަކީ ވެސް އިންޑިއާގެ އެހީގައި ގެނެވުނު ވެރިކަމަކަށްވެފައި މި ސަރުކާރުން ވެރިކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ބިންބިމާއި ހަރުމުދާ އިންޑިޔާއަށް ވިއްކައި ހިބަކޮށް ދީފައިވަނީ އިންޑިޔާ ބޭނުން ގޮތަކަށް ބޭނުން ކަމެއް ރާއްޖޭގައި ކުރެވޭފަދަ ފެންވަރަކަށެވެ. އެހެންކަމުން ރައީސް ސާލިހު ގެންދަވަނީ އިންޑިޔާގެ އެހީތެރިކަން ހޯއްދެވުމަށްޓަކައި އިންޑިޔާއިން އެދުނު ކޮންމެ ކަމެއް ކޮށް ދެއްވަމުންވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ. ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގެ މުއްދަތު ކައިރިވަމުން އަންނަ އިރު ސިޔާސީ އުދަރެހުން ނަގާ ކިޔާ ބޭފުޅުންގެ ހަރަކާތްތައް މިވަގުތު ހުރި ގޮތަށް ބަލާއިރު ވެރިކަމަށް އާދެވެން އޮތީ އިންޑިއާއިން ޓިކެޓް ދޭ މީހަކަށް ކަން ޔަގީނެވެ.

ސުވާލަކީ އިންޑިއާގެ ޓިކެޓް ލިބޭނީ ރައީސް ނަޝީދަށްތޯ ނުވަތަ ރައީސް ސޯލިހަށް ތޯ އެވެ؟ މިހާތަނަށް ކަންތައް ހިނގަމުން އަންނަ ގޮތަށް ބަލާއިރު ނަޝީދަށް ވުރެ ބޮޑަށް އިންޑިއާގެ ރުހުން އޮތީ ރައީސް ސޯލިހަށް ކަމަށް ފެނެ އެވެ. އިންޑިއާއިން ރައީސް ނަޝީދުގެ މަތިން ފޫހިވެފައި އޮންނަތާ މިހާރު ކިތަންމެ ދުވަހެކެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ރައީސް ނަޝީދު ހައްޔަރުކުރަން އުޅުމުން އިންޑިއާގެ އެމްބަސީއަށް ވެންނެވުމުން އިންޑީއާއިން އަމަލު ކުރިގޮތުން އެކަން ސާފުވެ އެވެ. އޭރުއްސުރެ އިންޑިއާއިން އޮތީ އެ މީހުންގެ ޕަޕެޓެއްގެ ގޮތުގައި ރާއްޖޭގެ ވެރިކަން ކުރާނެ އެހެން މީހަކަށް ބޭނުންވެފަ އެވެ. މިހާރު އެ މީހުނަށް އެވަނީ އެފަދަ ބަރާބަރު ކެންޑިޑޭޓަކު ލިބިފަ އެވެ. މާގިނަ ވާހަކަ ނުދައްކާ "ޔެސް ސަރު" ކިޔާނެ މީހެކެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ކޮންމެ މީހަކު ވާދަ ކުރި ކަމަށްވިޔަސް އެ ކެންޑިޑޭޓަކު ވާދަކުރަން ޖެހޭނީ އިންޑިއާ ސަރުކާރާ ކަން ޔަގީނެވެ. މިވަގުތު ކަންތައް ހިނަގަމުންދާ ގޮތަށް ބަލާއިރު އިންޑިއާގެ ކެންޑިޑޭޓަކަށްވެ ވަޑައިގަންނަވާނީ ރައީސް ސޯލިހެވެ. ބާރުގަދަ ބަޔަކާއެކު ކޯލިޝަނެއް ހެއްދެވުމަށް ރައީސް ނަޝީދު އުޅުއްވަނީ އެމަނިކުފާނަށް އިންޑިއާގެ ޓިކެޓް ލިބިވަޑައި ނުގަންނަވާކަން ގާތްގަނޑާކަށް ޔަގީންވުމުންނެވެ. ނަމަވެސް "އިންޑިއާ އައުޓު ނުގޮވާ"، ދީނީ ގޮތުން އެ މަނިކުފާނާ އެއްވިސްނުމުގެ ބަޔެއް ކޯލިޝަން ހެދުމަށް ރާއްޖެއިން އެ މަނިކުފާނަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އެހެން ކަމަށް ވަންޏާ އެމަނިކުފާނު ހަކުޅި ކުރިޔަށް ކުޅުއްވަން އަރައިވަޑައިގަންނަވާނެ ގޮޅި ހުސްވީ އެވެ.