ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

Tue, 07 May 2024 02:30 PM

View on this article on Raajje.mv

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.



މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅިފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ގުޅިފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއްކަމަށްވާތީއާއި، ގުޅިފަޅަށް ބަދަލުވުމަށް ހުށަހަޅާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިބަދަލާއި ގުޅިގެން 1250 އަކަފޫޓްގެ ގޯތީގެ އަދަދު ވަނީ 193ން 196ށް އިތުރުކޮށްފައެވެ. އަދި 1650 އަކަފޫޓުގެ 663 ގޯތިން 683 ގޯއްޗަށް ވަނީ އިތުރުކޮށްފައެވެ.

މިނިސްޓްރީން ބުނީ އެ މި މިނިސްޓްރީން ކުރިންވެސް އިއުލާނުކޮށްފައިވާ ފަދައިން ގުޅިފަޅަށް ބަދަލުވާން ބޭނުންވާ، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް 5 މެއި 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން 13 މެއި 2024 ވާ ހޯމަ ދުވަހުގެރޭ 11:00 ގެ ކުރިން ހުށަހެޅުމަށެވެ.

މިގޮތުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިޤްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަންދިނުމަށް ވަނީ އެދިފައެވެ. މިނިސްޓްރީން ބުނީ ބުނެފައިވާ އަދަދަށްވުރެ ގުޅިފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށާއި، މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެ ކަމަށެވެ.

މީގެ ކުރިން ހުޅުވާލި ފުރުސަތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ގުޅިފަޅަށް ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި 1913 މީހުން ހުށަހަޅާފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ބަދަލުވުމަށް ބޭނުންވާ މީހުންނަށް އެކަމަށް އެދުމަށް ހުޅުވާލި ފުރަތަމަ ފުރުސަތު ހަމަވީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަނީ މިފުރުސަތުގައި ގޯތި ބަދަލުކުރުމަށް އެދުނު ފަރާތްތައް އާންމުކޮށް ގެޒެޓްކޮށްފައެވެ. ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިން، ގުޅިފަޅަށް ބަދަލުކުރުމަށް އެމިނިސްޓްރީން ހުޅުވާލިއެވެ.

ފުރަތަމަ ބުރުގައި ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން އަދި ކުރިމަތިލީ އަދަދު: 

1250  އަކަފޫޓުގެ 193 ގޯއްޗަށް / 928 މީހުން ކުރިމަތިލި 

1650  އަކަފޫޓުގެ 663 ގޯއްޗަށް / 769 މީހުން ކުރިމަތިލި 

2050  އަކަފޫޓުގެ 487 ގޯއްޗަށް / 213 މީހުން ކުރިމަތިލި 

2450  އަކަފޫޓުގެ 4 ގޯއްޗަށް / 3 މީހުން ކުރިމަތިލިއެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އޮތުމުންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ބައެއް ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމީކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.  



More from Raajje.mv