އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

Tue, 07 May 2024 01:11 PM

View on this article on Raajje.mv

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން އިސްތިއުނާފު ކުރުމުގެ މަސައްކަތަށް އައްޔަންކޮށްފައިވާ ގާނޫނީ މާހިރުންނާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރެވެން ނެތްކަމަށް ސަރުކާރުގެ ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.



އޭޖީ އޮފީހުން އެހެން ބުނެފައިވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއްގެ ޖަވާބުގައެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ ޗާގޯސް މައްސަލައިގައި ކަނޑުގެ ސަރަޙައްދުގެ އިން ވަކިކޮށްފައިވާ ގޮތް ބަލައި ދިރާސާ ކުރުމަށް ނުވަތަ އެ ސަރަޙައްދުން ގެއްލުނު ބައި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމުގެ ތަފްސީލާއި، އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ދެފަރާތުގެ މައުލޫމާތު ހިއްސާކޮށްދިނުމަށެވެ.

އޭގެ ޖަވާބުގައި ބަންޑާރަނައިބުގެ އޮފީހުން ފޮނުވި ލިއުމުގައި ބުނެފައިވަނީ، ވަކި ފަރާތަކުން ހާމަކުރުމަށް އެދިފައިވާ މައުލޫމާތެއް ދޫކޮށްފިނަމަ ސިއްރު ނުހިފެހެއްޓިކަމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެކަމުގައިވާނަމަ، އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު ލިބިގެންވާކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމުގެ މަސައްކަތާއި ގުޅިގެން އައްޔަނުކޮށްފައިވާ ފަރާތާއި މެދު ވެފައިވާ އެއްބަސްވުމުގައިވެސް އެފަދަ މާއްދާއެއް ހިމެނިފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ. އެގޮތުން އެ އެއްބަސްވުމުގައި އެ ފަރާތާއި އޭޖީ އޮފީހާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެފަރާތާއި ގުޅޭ މައުލޫމާތު ހާމަ ނުކުރުމާ ގުޅޭ މާއްދާއެއް ހިމެނިފައިވާ ކަމަށާއި، އެ މައުލޫމާތު ދޫކޮށްފިނަމަ އެކަމާ ގުޅިގެން ދައުވާ ކުރުމުގެ ޙައްޤު އެފަރާތަށް ލިބިގެންވާކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނީ، އެ ސަބަބާހުރެ އެއްބަސްވުންތަކުގެ ތަފްސީލު ހާމަ ކުރެވޭކަށް ނެތް ކަމަށެވެ.

އިޓްލޮސްއަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށާއި، ދިވެހި ތަޖުރިބާކާރުންގެ އިތުރުން، ޔޫކޭގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ޕްރޮފެސަރެއް މި މަސައްކަތުގައި އެކްސްޕާޓުންގެ ގޮތުގައި އެހީތެރިވެ، މި މަސައްކަތާ ގުޅޭ ފައިނަލް ރިޕޯޓު އެކުލަވާލައި އާންމު ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޗާގޯސް މައްސަލައާ ގުޅިގެން، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވައިދެއްވާނެ ކަމަށް ސަރުކާރުން ބުނާއިރު، ޗާގޯސްގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މިހާރުގެ ސަރުކާރުން ދާދި ފަހުން ވަނީ އާންމުކޮށްފައެވެ.

އެހެންނަމަވެސް، ރައީސް މުޢިއްޒާއި އޭރުގެ އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވިދާޅުވިގޮތަށް ކަނޑު ވިއްކާލައްވަން އޭރުގެ ސަރުކާރުން ނިންމިކަމަށް ދަލާލަތު ކޮށްދޭނެ ވާހަކަތަކެއް އެ ސިޓީފުޅަކު ނެތެވެ.

މިއަދުގެ ސަރުކާރުން އައްޔަނުކުރި ތަޖުރިބާކާރުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިއަށްދިޔައިރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން 22 އޮގަސްޓް 2023ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި އަދި އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯއާއި އަދި އެ ގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމެވެ.

އެހެންނަމަވެސް ކުރީގެ ރައީސް ސާލިޙު ފޮނުއްވެވި ސިޓީފުޅަކީ އިޓްލޮސްގެ ނިންމުން ނިންމުމުގައި ރިއާޔަތްކޮށްފައިވާ ސިޓީފުޅެއްވެސް ނޫންކަމަށް ކުރީގެ ބަންޑާރަނައިބު ވަނީ މަޖިލީހުގައި ސާފުކޮށްދެއްވާފައެވެ.

ދާދި ފަހުން މި ސަރުކާރުން ވަނީ އިޓްލޮސްގެ ނިންމުމަށްވެސް ގޮންޖައްސަވާފައެވެ. އެގޮތުން ސަރުކާރުން ބުނަނީ އެއީ އިޓްލޮސްއަށް ނިންމޭނެ ނިންމުމެއްވެސް ނޫންކަމަށެވެ. އަދި އެ ކަންކަމުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން އެ އޮފީހުން ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.



More from Raajje.mv