ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

Mon, 06 May 2024 01:06 PM

View on this article on Raajje.mv

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް 'ޓޫރިސްޓް ޕްރީ އެޕްރޫވްޑް ވިސާ އޮން އެރައިވަލް' ނުވަތަ 'އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން' ގެ ޚިދުމަތް ތައާރަފު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.



ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

މިގަރާރުގައި ބުނެފައިވަނީ ވޭތުވެދިޔަ 5 އަހަރު ރާއްޖެ އެތެރެވުމަށް ވިސާ ބޭނުންވާ ނުވަ މިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް އައްސަތޭކަ ހަތްދިހަ ހަތް މީހުން (9576877) މި ގައުމަށް ޒިޔާރަތް ކޮށްފާއިވާއިރު، މިހިނގާ 2024 ވަނަ އަހަރު ދެމިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ކަމަށެވެ. ރާއްޖެއަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

މިވަގުތު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވިސާ ހޯދެން އޮތް ހަމައެކަނި ގޮތަކީ އޮން އަރައިވަލް ވިސާ ހޯދުން ކަމަށްވާތީ، އަދި އެފަރާތްތަކުން ރާއްޖެ އައުމަށްފަހު އޮން އެރައިވަލް ވިސާ ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭކަމުގެ ޝަކުވާ މިހާރު ވެސް ރާއްޖެއަށް ޒިޔާރާތްކުރާ ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ. އަދި އެކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މި ގާރާރުގައި ބުނެފައިވަނީ ރާއްޖެއަށް އޮން އެރައިވަލް ވިސާގައި އެތެރެވުމަށް އަންނަ ބައެއް ފަރާތްތަކަށް އެކިއެކި ސަބަބުތަކާ ހުރެ ވިސާ ނުލިބި އަނބުރާ ދާންޖެހޭ ހާލަތްތައް މެދުވެރިވުމުގެ ސަބަބުން އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނުވަހާސް ނުވަސަތޭކަ ސާޅީސް މީހުން (9940) ވަނީ އެކި ސަބަބުތަކާއެކު ރާއްޖޭގެ އިމިގްރޭޝަނުން ރާއްޖެއަށް އެތެރެވުމަށް ދޭ ހުއްދަ އެހެންގޮތަކަށް ބަޔާންކުރާނަމަ ވިސާ ނުލިބި އަނބުރާ ފޮނުވާލެވިފައި ކަމަށެވެ.

މީގެއިތުރުން މި ކަން ހައްލުކުރުމަށް ޓަކައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް މިވަގުތު ހަމަޖެހިފައި ނުވާ ޓޫރިސްޓު ޕްރީ އެޕްރޫވްޑް ވިސާ އޮން އެރައިވަލް ނޫނީ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ހިދުމަތް ތައާރަފުކޮށް އެ ހިދުމަތް ފުޅާކުރަން މި ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

މިހާރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ކުރިއާލާ ވިސާ ނަގާކަށް ނުޖެހެއެވެ. އެމީހުންނަށް 30 ދުވަހުގެ ވިސާ ހިލޭ ލިބެއެވެ.



More from Raajje.mv