މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

Mon, 06 May 2024 12:38 PM

View on this article on Raajje.mv

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

2021 ވަނަ އަހަރުގެ މެއި 6 ގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.



ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދަށް މަރުގެ ހަމަލާ ދެވުނުތާ ތިން އަހަރުވެފައިވާ ކަމަށާއި، މަޖިލީހުން މިކަމާއި ގުޅޭގޮތުން ތައްޔާރުކޮށް އާއްމުކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮމަޑޭޝަންތަކަށް އަމަލުކުރަންޖެހޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރާއްޖެއިން ހަރުކަށި ފިކުރާ އަނިޔާވެރިކަން އެއްކޮށް ނެތިގެންދާންޖެހޭ ކަމަށެވެ. އަދި މި ހަމަލާއާ ގުޅޭގޮތުން ތަހުގީގު އަވަސްކޮށް ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމު ބޭނުންތެރިކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ 6 މެއި ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކާތެރިކޮށް މަރުގެ ހަމަލާއެއް ދެވުނުތާ ތިން އަހަރު ފުރޭ ދުވަސް. ރައްޔިތުން މަޖިލީހުގެ ނަމުގައި އަޅުގަނޑު އެދެނީ ރައްޔިތުންގެ މަޖިލީހުން މިކަމާއި ގުޅޭގޮތުން ތައްޔާރުކޮށް އާއްމުކުރެވިފައިވާ އިންކުއަރީ ރިޕޯޓުގައި ހިމެނިފައިވާ ރިކޮމަންޑޭޝަންތަކާއި ވީހާ ވެސް އަވަހަށް ފުރިހަމައަށް އަމަލުކުރެވިގެންދިޔުން. އަދި ރާއްޖެއިން ހަރުކަށި ފިކުރާ އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުން. އަދި މި ހަމަލާއާ ގުޅޭގޮތުން ތަހުގީގު އަވަސްކޮށް ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމު ބޭނުންތެރިކަމެއްގެ ގޮތުގައި ދެކެން.
ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމް

ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅޭގޮތުން 25 މާރޗް 2024 ވީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވީދާޅުވެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހާ ހިއްސާ ކުރުމަށް އިތުރު މައުލޫމާތު ދިފާއީ ވުޒާރާގައި އެބަހުރި ކަމަށެވެ. ޣައްސާން ވިދާޅުވީ، ޤައުމީ ދިފާއީ ބާރަށް ޤާނޫނީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަށް އެ ރައްކާތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި ވިދާޅުވީ، މެއި 6 ޙަމަލާ އާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަން އެބަހުރި ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ހިއްސާ ކުރެވޭނީ މަޖިލީހުން އެ މައުލޫމާތު ހޯދަން މަސައްކަތް ކުރުމުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައާ ގުޅިގެން އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ 13 މާރިޗް 2024 ވީ ބުދަ ދުވަހު އެވެ. އެ މައްސަލަ މިހާރު އޮތީ ދައުލަތުގެ ހެކިން ހެކިބަސް ނެގުމުގެ މަރުޙަލާގައެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން މިހަމަލާގައި ސީރިއަސް ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ ޖަރުމަންވިލާތުން ވެސް ހޯއްދަވާފައިވެއެވެ.



More from Raajje.mv