އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް 15 ދުވަސް

Sun, 05 May 2024 12:45 PM

View on this article on Raajje.mv

އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް 15 ދުވަސް

އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލް 15 ދުވަހަށް ބަންދު ކޮށްފިއެވެ.



އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދިޔަ 39 އަހަރުގެ ނަބީލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

މިފަދަ މައްސަލާއެއްގައި 22 ސެޕްޓަންބަރު 2022 ގައި ނަބީލް މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ. އަނެއްކާ ވެސް މިނިވަންވުމަށްފަހު އޭނާ ދަނީ ޓިކްޓޮކްގެ އޭނާގެ އެކައުންޓުގައި ނިވައިކަން ކުޑަ އަންހެން ހެނދުން ލައިގެން ވީޑިއޯ ކުޅެމުންނެވެ.

އެކަންކަން ނުބަލާތީ އާއްމުންގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަން ފެށުމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޓިކްޓޮކް އެކައުންޓް އަޕްލޯޑްކޮށްފައިވާ ވީޑިއޯތަކާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ނަބީލުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއް ދައުވާއަކީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވުމުން އޭނާ އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ. ދެވަނަ ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މިދައުވާ ސާބިތުވުމާއި ގުޅިގެން އެއް މަހާއި 06 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ.



More from Raajje.mv