އެމް.ޑަބްލިޔު.ޕީ ކޮމިޓީގެ މަސައްކަތުގެ މަގުޗާޓުގައި އެކި ގިންތިތަކުގެ އަންހެން މުވައްޒަފުންގެ މަޝްވަރާ އާއި ހިޔާލު ހިމެނޭނެ - ނަޝްވާ

Mon, 29 Apr 2024 07:21 PM

View on this article on Raajje.mv

އެމް.ޑަބްލިޔު.ޕީ ކޮމިޓީގެ މަސައްކަތުގެ މަގުޗާޓުގައި އެކި ގިންތިތަކުގެ އަންހެން މުވައްޒަފުންގެ މަޝްވަރާ އާއި ހިޔާލު ހިމެނޭނެ - ނަޝްވާ

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ (އެމް.ޑަބްލިޔު.ޕީ) ކޮމިޓީގެ މަސައްކަތުގެ މަގުޗާޓު ތައްޔާރުކުރުމުގައި އެ މުއައްސަސާގެ އެކި ރޭންކުތަކުގެ އަދި އެކި ގިންތިތަކުގެ އަންހެން ފުލުހުންނާއި އަންހެން މުވައްޒަފުންގެ މަޝްވަރާ އާއި ހިޔާލު އަދި އެހީތެރިކަން ހޯދާނެ ކަމަށް ވިމެން އިން ޕޮލިސިންގ ކޮމެޓީގެ ރައީސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވެއްޖެއެވެ.



"މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފްތިތާހުކުމަށް ބޭއްވި ހަފްލާގައި ވިމެން އިން ޕޮލިސިންގ ކޮމެޓީގެ ރައީސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންހެން މުވައްޒަފުންނަށް ހޯދައި ދިނުމަށް މަސައްކަތްކުރުމާއި، އަންހެން ފުލުހުން އަދި މުވައްޒަފުން ބިނާކޮށް ފުލުހުންގެ ވަޒީފާގައި ދެމިތިބުމަށް ބާރުއަޅައި ކުރިއަށް ދިއުމުގެ ހިތްވަރުދީ، ކެރިއަރ ޕާތްވޭ އަދި ކެރިއަރ ގައިޑަންސް ދިނުމަށް ރޭވިފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތް ދައުރުގައި އެމް.ޑަބްލިޔު.ޕީ ކޮމިޓީގެ މަސައްކަތުގެ މަގުޗާޓު ތައްޔާރުކުރުމުގައި އެ މުއައްސަސާގެ އެކި ރޭންކުތަކުގެ އަދި އެކި ގިންތިތަކުގެ އަންހެން ފުލުހުންނާއި އަންހެން މުވައްޒަފުންގެ މަޝްވަރާޔާ ހިޔާލު އަދި އެހީތެރިކަމާއެކު މަސައްކަތް ފަށައިގަނެ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަ ފުޅުގައި، ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ފުލުންގެ މުއައްސަސާގެ އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި ބައިވެރިވުމާއި އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖެ ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ގޮތުގައި ކުރިއަށް ދިއުމަށް އެކަމަނާ ގޮވައިލެއްވިއެވެ. ހަމަ އެއާއެކު އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމާއި، އަންހެނުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރގެ "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތް އިފްތިތާހުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައި ޝާއިއުކޮށްފައިވާ ފޮތެކެވެ.



More from Raajje.mv