ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ޔޫކޭ މީހާ ޝަރީއަތް ނިމެންދެން ބަންދު

Mon, 29 Apr 2024 07:00 PM

View on this article on Raajje.mv

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ޔޫކޭ މީހާ ޝަރީއަތް ނިމެންދެން ބަންދު

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އިނގިރޭސީ ވިލާތު ރައްޔިތެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.



ދިވެހި ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އިނގިރޭސީ ވިލާތަށް ނިސްބަތްވާ 53 އަހަރުގެ މާރސެލް ރޮނަލްޑް ފެލޯސްއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން / ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ރިމާންޑް ޖަލެއްގައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވުމެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީއެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހަލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މައްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރު އަދި 4 ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ.

އިނގިރޭސީވިލާތުގެ މި މީހާ ވަނީ ކުށުގެ އަމަލު ހިންގާފައިވާ ގޮތް ތަފްސީލުކޮށް ތަހުގީގު ބަޔާނުގައި ކިޔައިދީފައެވެ. އަދި މި މައްސަލައިގައި އޭނާ ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު 'އިއުތިރާފު އެއްބަސްވުން' ހަދަން ބޭނުންވާކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ.

އަދި އެކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުން، ކުރިއަށްގެންދެވޭނެ ކަމަށާއި، އިއުތިރާފް އެއްބަސްވުން ހަދަން ބޭނުންވާތީ އޭނާގެ ގާނޫނީ ވަކީލު ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށް ވަކީލުވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.

މި މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. މި މައްސަލައަކީ މި މަހުގެ 3 ވަނަ ދުވަހު ރާއްޖެއައި އިރު މި މީހާގެ ލަގެޖުން 7 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. އިނގިރޭސީވިލާތުގެ މި މީހާއަކީ ނޮދަން އަޔަލެންޑަށް ނިސްބަތްވާ މީހެކެވެ.

ބަންދު އަމުރުގައި ބުނެފައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވީނަމަވެސް، މައްސަލަ ބައްލަވާ ފަނޑިޔާރު މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ ބައްދަލުވުން ބާއްވާ ދުވަހު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބަލައި، އެކަމާމެދު އަލުން ގޮތެއް ނިންމަންޖެހޭނެކަމަށް ކަނޑައަޅާ ކަމަށެވެ.



More from Raajje.mv