ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

Sun, 28 Apr 2024 05:37 PM

View on this article on Raajje.mv

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ދީފައިވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތުގައި ބަހައްޓަންވީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ބުނެފައި ވެއެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކުށް ކުރިކަމަށް، ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، ކުޑަކަމުދާތަކެތީގެ ތަހުލީލު ރިޕޯޓް ހުށަހެޅިފައިވާ ކަމަށް ބުނެފައި ވެއެވެ.

އަދި އޭނާގެ ކުޑަކަމުދާތަކެތި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީނާ ބަންދުގައި ބަހައްޓަން އަމުކުރު ކުރި ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއިބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރު އަދި 4 ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ ކަމަށެވެ.

18 އަހަރުގެ މި ޒުވާނާއަކީ މި ބާވަތުގެ ހައްޔަރާއި ބަންދު ލޮގް އޮތް ފަރާތެކެވެ. އަދި މި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1050 ގްރާމް ހުރިކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންގެ ފަރާތުން ބުނެފައިވަނީ އެކޮތަޅު އޭނާގެ އަތަށް ދިންތަން ފެނުނު ކަމަށާއި، އަދި މިނާ ހުއްޓުވި ވަގުތު އެ ކޮތަޅު މަގުމައްޗަށް އެއްލާލާފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުން ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

18 އަހަރުގެ ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.



More from Raajje.mv