މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އޭގެ ވިޔަފާރިކުރި 2 މީހަކު ބަންދުކޮށްފި

Sun, 28 Apr 2024 05:24 PM

View on this article on Raajje.mv

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އޭގެ ވިޔަފާރިކުރި 2 މީހަކު ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އޭގެ ވިޔަފާރިކުރި 2 މީހަކު ބަންދުކޮށްފިއެވެ.



މި މައްސަލައިގައި ބަންދުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި، 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ދިން ބަންދު އަމުގައި ބުނެފައިވަނީ މި ދެ މީހުން ވެސް ބަންދުގައި ބަހައްޓަންވީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. މި ދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ. އަދި 30 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 10 ދުވަހެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި 26 އަހަރުގެ މީހާއާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ 30 އަހަރުގެ މީހާ އުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެއްޗާއި، ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސިޓިންގރޫމުގައި ހާމައަށް ފެންނަގޮތަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށާއި، އެތަނުން ފެނުނު ވޮލެޓެއްގެ ތެރެއިން ތުހުމަތުކުރެވޭ ދެފަރާޓުގެ އައިޑީކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެޕާޓްމަންޓުގެ ކޮޓަރިއެއްގެ އަލަމާރި ބަލައިފާސްކޮށް ނެގި ބެކްޕެކް ދަބަހުން 900 ރަބަރު ފެކެޓް ފެނިފައިވާ އިރު، އެ އަލަމާރީގެ ވަތްގަނޑުގެ ތެރެއިން ޑިޖިޓަލް ކައްޓާއަކާއި، 33 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ. އަދި މި އަލަމާރިތެރެއިން މި ދެމީހުންގެ އަންނައުނާއި ލިޔެކިޔުންތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާގެ ކުޑަކަމުތާކަތީގެ ވަގުތީ ނަތީޖާއިން ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 26 އަހަރުގެ މީހާ ބުނެފައިވަނީ ސިޓިންގ ރޫމުން ފެނުނު ތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށެވެ. އެހެންނަމަވެސް ފެނުނު ދަބަހުގައިވާ އެއްޗެއްސަކީ އޭނާގެ ތަކެތި ނޫން ކަމަށާއި، އެދަބަހަކީ މީހަކު އޭނާއާއި ހަވާލުކުރި ދަބަހެއް ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އޭނާއާއެކު ތުހުމަތުކުރެވުނު 30 އަހަރުގެ މީހާއަށް އެތަކެއްޗާ ގުޅޭ އެއްވެސް ކަމެއް ނޭނގޭ ކަމަށް ބުނެފައިވެއެވެ.

26 އަހަރުގެ މީހާއަކީ ހައްޔަރާއި ބަންދު ލޮގް އޮތް ފަރާތެކެވެ.

ބަންދު އަމުރުގައިވާ ގޮތުން، 26 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި 30 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ހަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.



More from Raajje.mv