ރައީސް އޮފީހަށް ނޫސްވެރިންނަށް ފޯނު ނުވެއްދޭތީ އެމްޖޭއިން ކަންބޮޑުވުން ފާޅުކޮށްފި

Sun, 28 Apr 2024 03:46 PM

View on this article on Raajje.mv

ރައީސް އޮފީހަށް ނޫސްވެރިންނަށް ފޯނު ނުވެއްދޭތީ އެމްޖޭއިން ކަންބޮޑުވުން ފާޅުކޮށްފި

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާ ކުރުމުން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.



ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ ތިން މަސް ފަހުން ރައީސް އޮފީހުން ވަނީ އާދިއްތަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމަށް ނޫސްވެރިންގެ ފޯނު ވެއްދުން މަނާ ކަމަށް އެންގިއެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިއަކު އެކްސްގައި ބުނެފައިވަނީ ނޫސްވެރިން އަދި ތިބީ ފޯނާ ނުލާ ނުވަންނަ ގޮތަށް ކަމަށެވެ.

އެއާއެކު މީގެ ކުރިން މިފަދަ އެންގުމެއް ނޫސްވެރިންނަށް އަންގާފައިނުވާތީ ރައީސް އޮފީހުން ވަނީ އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުމަށް ހުއްދަ ދީފައެވެ. ނަމަވެސް ދެން ބާއްވާ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މުސްތަގުބަލުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށެވެ.

މި މައްސަަލައިގައި އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފޯނު ވެއްދުން މަނާކުރި މައްސަލައިގައި އެ ޖަމިއްޔާއިން ރައީސް އޮފީހުގައި ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ފޯނަކީ ނޫސްވެރިންނަށް ޒަރޫރީ އެއްޗެއް ކަމާއި މީގެ ކުރިން ވެސް ރައީސް އޮފީހަށް ފޯނު ވެއްދޭކަން ފާހަގަކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

އަދި މި ކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތައް ބުރޫއަރާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖެއަށް ފޯނު ތައާރަފްވި ފަހުން ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން މަނާކުރި މިއީ ފުރަތަމަ ފަހަރެވެ.



More from Raajje.mv