އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން

Sun, 28 Apr 2024 02:39 PM

View on this article on Raajje.mv

އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން

ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ހާލުދެރަވެގެން މާލެ ގެނައުމަށް އެ އަތޮޅު ތިމަރަފުށީ ސިއްހީ މަރުކަޒަށް ފޮނުވި ބަލި މީހަކު ސިއްހީ އިހުމާލުން މަރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.



ހޮނިހިރު ދުވަހުގެރޭ މަރުވެފައިވަނީ ތ. ކިނބިދޫ، ހިތައްފިނިވާގޭ، 74 އަހަރުގެ އަޒީޒާ އިބްރާހީމް އެވެ.

އެއާއިލާއިން ވަނީ މިމަރުގައި ސިއްހީ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ބުނެފައެވެ.

އާއިލާއިން ބުނީ އޭނާއަކީ ނޭވާލުމުގެ މައްސަލަ ހުންނަ މީހެއް ކަމަށެވެ. އަދި ހާލުބޮޑުވެގެން މާލެ ގެންދަން ވޭމަންޑޫ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ތިން ދުވަހު ފަރުވާދިނުމަށް ފަހު ކަމަށެވެ.

އާއިލާއިން ބުނީ ހާލު ދެރަވުމުން މާލެ ގަނައުމަށް ސީ އެމްބިއުލާންސްގައި ތިމަރަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ އޮކްސިޖަން ގުޅައިގެން ކަމަށެވެ. ހާލު ދެރަވީ ތިމަރަފުށިން އެއާޕޯޓަށް ދިޔަ މަގުމަތީގައި ކަމަށާއި، އޭރު އޮކްސިޖަން ފުޅި ހުރީ ހުސްވެފައި ކަމަށް އާއިލާއިން ބުނެއެވެ. އަދި އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވުމާއެކު ބަލި މީހާ ވަރަށް ބޮޑަށް ތެޅެންފެށި ކަމަށާއި، އަނެއްކާ ވެސް އަނބުރާ ސިއްހީ މަރުކަޒާއި ދިމާލަށް ދިޔައީ ކަމަށެވެ.

މަރުވީ ތިމަރަފުށި ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް ހެލްތު މިނިސްޓްރީން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި އިހުމާލުވެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.



More from Raajje.mv