ކުރިން އިންތިޚާބުތަކުގައި ގަސްތުގައި ވޯޓު ބާތިލްކޮށްފައި އެބަ ހުރި، އެގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކުރަން - ފުއާދު

Sat, 20 Apr 2024 12:18 PM

View on this article on Raajje.mv

ކުރިން އިންތިޚާބުތަކުގައި ގަސްތުގައި ވޯޓު ބާތިލްކޮށްފައި އެބަ ހުރި، އެގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކުރަން - ފުއާދު

ކުރިން އިންތިޚާބުތަކުގައި ގަސްތުގައި ވޯޓު ބާތިލްކޮށްފައި އެބަ ހުރި ކަމަށާއި އެގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.



އޭނާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ފުއާދު ވަނީ ވޯޓު ލުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ހައްގެއް ކަމަށާއި އެ ހައްގު އަމާނާތްތެރިކަމާއި އެކު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ބާތިލް ވޯޓުތައް ބަލާ އެ ވޯޓުތައް ބާތިލްވެފައި ހުރީ ކިހިނެއްތޯ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ ކަަމަށެވެ. އެގޮތުން ބެލި ބެލުމުން ބައެއް ވޯޓުތަކަކީ ގަސްތުގައި ބާތިލް ވޯޓުތަކެއްގެ ގޮތުގައި ލާފައިވާ ވޯޓުތަކެއް ކަން އެނގޭ ކަމަށް ފުއާދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ތަފާތު އެކި ގޮތް ގޮތަށް ހުރި ވޯޓުތައް ހުރި އިރު ކަމުދާ ކެނޑިޑޭޓެއް ނެތް ކަމަށް ބުނެ ލިޔެފައިވާ ވޯޓުތަކާއި، ހުރިހާ ކެނޑިޑޭޓުންގެ ނަމުގައި ފާހަގަލުމާއި، ހުރިހާ ކެނޑިޑޭޓުންގެ ނަމުގައި ރަސްގެ ލުން ކަހަލަ ކަންކަން ފާހަގަކުރެވޭ ވޯޓުކަރުދާސްތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދީނީގޮތުން ވޯޓުލުމަކީ އޮންނަކަމެއް ނޫން ކަަމަށް ބުނެ ލިޔެފައިވާ މެސެޖުތައް ވެސް ބާތިލް ވޯޓުކަރުދާސްތަކުގެ ތެރޭގައި ހުރި ކަމަށް ފުއާދު ވިދާޅުވިއެވެ.

ބައެއް މީހުން ބުނެފަ އޮވޭ ބޭކާރު ކަމެކޭ. އަނެއް ބައި މީހުން ހުރޭ މިއީ ހަރާމްކަމެކޭ. ހުއްޓަން އުޅޭށޭ. ބައެއް މީހުން އިލެކްޝަންސް ކޮމިޝަންގެ ނަމާއި ދިމާލުގައި ވޯޓުލާފައި އޮވޭ. އެއިން އެނގޭ ގަސްތުގައި ބާތިލްކޮށްފައިކަން ހުރީ
ފުއާދު ތައުފީގް

ފުއާދު ވަނީ ކަމު ދާ ކެނޑިޑޭޓަކު ނެތް ކަމަށް ފާހަގަލުމަށް އިޚްތިޔާރު ދިނުމަށް ވެސް ބައެއް މީހުން ބާތިލްވާ ވޯޓު ކަރުދާހުގައި ލިޔެފައިވާ ކަަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ރާއްޖޭގެ ޤާނޫނާއި ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަން ފުއާދު ފާހަގަކުރެއްވިއެވެ. ބާތިލް ވޯޓުތައް ބަލާ އިރު ކުޑަކޮށް ފާހަގައިގެ ކުަލަ ގަދަވެގެން ނޫނީ، ފާހަގަ ޖަހާއިރު ގަލަމުގެ ތުނޑު ގުޑުން ފަދަ ކުދި ކަންކަމާއި ގުޅިގެން ވޯޓު ބާތިލްކުރުން ހުއްޓުވުމަށް ވެސް މަޖިލިސް އިންތިޚާބުގައި ވަރަށް ބޮޑަށް ސަމާލުކަން ދީފަިއވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ސައްހަ ވޯޓް ބާތިލްކުރި ކަމުގެ ޝަކުވާ ލިބުނު ކަމަށާއި، އެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާވަރުގެ ޝަކުވާއެއް ލިބިފައި ނެތް ކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ސައްހަ ވޯޓް އަދި ބާތިލް ވޯޓް ކަނޑައެޅުމުގައި ހުރިހާ މަރުކަޒެއްގައި އެއްގޮތަކަށް ޢަމަލުކުރުމަށް އިރުޝާދުދީ އެކަމަށް ސަމާލުވުމަށް އިތުރަށް ތަމްރީންތައް ދީފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



More from Raajje.mv