ވޯޓަކީ އަމާނާތެއް، އޮފިޝަލުން ވެސް އެކަމަށް ސަމާލުކަން ދޭން ވާނެ - ފުއާދު

Sat, 20 Apr 2024 12:02 PM

View on this article on Raajje.mv

ވޯޓަކީ އަމާނާތެއް، އޮފިޝަލުން ވެސް އެކަމަށް ސަމާލުކަން ދޭން ވާނެ - ފުއާދު

ވޯޓަކީ އަމާނާތެއް ކަމަށާއި އޮފިޝަލުން ވެސް އެކަމަށް ސަމާލުކަން ދޭން ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.



އޭނާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް 5000 އަށް ވުރެ ގިނަ އޮފިޝަލުން މަސައްކަތް ކުރާނެކަމަށެވެ. އެހެންކަމުން އެ އަދަދު ހަމަވާވަރަށް އޮފިޝަލުން ހޯދާއިރު އެއްވެސް މިންވަރަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާ އޮފިޝަލުން ހޯދުމަކީ ދަތިކަމެއް ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންނަމަވެސް ކަނޑައަޅާ ވަކި މުއްދަތެއްގައި ސިޔާސީ ކަންކަމުގައި ނޫޅުމަކީ އޮފިޝަލުންނަށް ލާޒިމް ކަމަކަށް ވުމާއި އެކު އެފަދަ ކަންކަން ވަރަށް ރަނގަޅަށް ކޮމިޝަނުން ބަލާފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭ ގޮތަށް އަމަލުކުރުމަށް، އެކަށީގެންވާ މިންވަރަށް ހުރިހާ އޮފިޝަލުންނަށް ވެސް ތަމްރީންތައް ދީފައިވާ ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.

ބައެއް ފަހަރު އިންތިޚާބުގެ މަރުކަޒުގައި ހުންނަ މީހާ އަށް ލިބިފައިވާ ބާރު އޮޅިފައި އޮންނަ ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވޯޓާއި މެދު ގޮތެއް ނިންމާނީ މަރުކަޒުގެ ވެރިޔާ ކަމަށް ބުނެފައި އޮންނަ އޮތުމުގެ މާނައަކީ ޚުދުމުހުތާރުކޮށް ކަންކަން ކުރުން ނޫން ކަމަށް ފުއާދު ވިދާޅުވިއެވެ. ވޯޓެއްގެ ސައްހަކަން ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް އޮތް ނަމަ ކަނޑައެޅިފައިވާ އުުސޫލާއި އެއްގޮތަށް އެކަން ކުރަން ވާނެ ކަމަށާއި އެއްވެސް މީހެއްގެ ހައްގެއް ގެއްލޭ ގޮތަށް ޢަމަލުކޮށްގެން ނުވާނެ ކަަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.

ފުއާދު ވަނީ އޮފިޝަލުން ތަމްރީންކުރުމުގައި ވެސް ވަރަށް ބޮޑަށް ސަމާލުކަން ދީގެން އޮފިޝަލުންނަކީ ހަމަހަމަކަމާއި އެކު އެއްވެސް މީހެއްގެ ހައްގު ނުގެއްލޭ ގޮތަށް މަސައްކަތް ކުރާ ބަަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މިސް އިންޓަރޕްރިޓޭޝަން އެއް އެބަ އޮވޭ ބޭނުން ގޮތަކަށް ކަންކަން ކުރެވިދާނެ އޭ ސްޓޭޝަންގެ ވެރިޔާ އަށް. އެހެނެއް ނޫން ވޯޓަކީ އަމާނާތެއް. ވޯޓުލާ މީހާގެ ވެސް. ލިބޭ މީހާގެ ވެސް. އެހެންވީމަ އެއްވެސް މީހަކު އެ ހައްގު ގެއްލޭ ގޮތަށް އަމަލުކޮށްގެން ނުވާނެ. އަނެކާގެ ހައްގަށް އަރައިގެން ވެސް ނުވާނެ
ފުއާދު

ފުއާދު ވަނީ އެއްވެސް ފަރާތަކުންލާ ވޯޓެއްގެ ސައްހަކަން ނުގެއްލޭ ގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން ވޯޓުލާން ނުކުތުމަށްވެސް ފުއާދު ވަނީގޮވާލައްވާފައެވެ.



More from Raajje.mv